ޚަބަރު

ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއެކު ހުޅުމާލޭގެ އާބާދީ އިތުރުވަނީ


އަރބަން ސިޓީއެއްގެ ގޮތުގައި ހުޅުމާލެ ތަރައްޤީކޮށް މީހުން އާބާދުވާން ފެށިތާ މި އަހަރު 13 އަހަރު ފުރޭނެއެވެ. މިހާރު ހުޅުމާލޭގައި ދިރިއުޅޭ އާބާދީ އުޅެނީ ތިރީސް ހާހުން މަތީގައެވެ. ފުރަތަމަ ފިޔަވަހި ތަރައްޤީކުރުމަށް ހިއްކާފައިވާ، 188 ހެކްޓަރުގެ ބިމުގައި ރެސިޑެންޝިއަލް ޑިވެލޮޕްމެންޓަށް ޚާއްޞަ ކޮށްފައިވާ ބިންތައް ތަރައްޤީ ކުރުމަށް ވަނީ ޑިވެލޮޕަރުންނާ ޙަވާލުކޮށްފައެވެ. އަދި މިހާރު ދޫކޮށްފައިވާ ހުރިހާ ބިމެއްގައި ޢަމަލީ މަސައްކަތް ކުރިއަށް އޮތް ތިން މަހެއްގެ ތެރޭގައި ފެށިގެންދާނެކަމަށް އެޗްޑީސީން ބުނެއެވެ. އެއާއެކު ހުޅުމާލޭގައި މިހާރު އުޅެމުންދާ އާބަދީއަށް، މިއަހަރު 10 ހާހާއި 12 ހާހާ ދެމެދު ޢަދަދެއްގެ އާބާދީއެއް އިތުރުވާނެކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވިއެވެ.

"ޕްލެޓިނަމްގައި ބާކީ ހުރި ޓަވަރުތައްވެސް ނިމި، މީހުން ދިރިއުޅޭން ފަށާފައި މިހާރު ވަނީ.  އަމިން އެވެނިއު، ޖުލައިގައި ހުޅުވޭނެ، 2017 ގައި ހުޅުމާލެއަށް 10 ހާހާ 12 ހާހާއި ދެމެދުގެ އާބާދީއެއް އިތުރުވާނެ. އެއާއެކު އަންނަންޖެހޭ އިތުރު ފެސިލިޓީސް ގެންނަން ސަރުކާރުގެ މުއައްސަސާ ތަކާއެކު މަސައްކަތް ކުރަމުންމިދަނީ. ސްކޫލް އިތުރު ކުރުމަށް ރެހެންދި ފަދަ ސްކޫލެއް ހުޅުމާލޭގައި ޤާއިމްކުރުމުގެ މަސައްކަތްވެސް ފަށާނެ." ސައިމަން ވިދާޅުވިއެވެ.

ދެވަނަ ފިޔަވަހީގައި ތަރައްޤީކުރުމަށް 245 ހެކްޓަރުގެ ބިން ހުޅުމާލެއިން ހިއްކާފައިވެއެވެ. ދެވަނަ ފިޔަވަހީގައި ސަރުކާރުން ތަރައްޤީ ކުރައްވާ ހައުސިންގ މަޝްރޫޢު ކުރިއަށްގެންދިޔުމަށް ޙަވާލު ކުރައްވާފައިވާ ކުންފުނިތަކުގެ ތެރެއިން ބައެއް ކުންފުނިތަކުން މިހާރު ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން  ޢަމަލީ މަސައްކަތް އެންމެ ބާރަށް ކުރިއަށްދަނީ ޗައިނާ ސްޓޭޓާއެކު ސޮއިކޮށްފައިވާ 7000 ހައުސިން ޔުނިޓްގެ މަސައްކަތެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އަމިއްލަ ފަރާތްތަކުންވެސް ދެހާހަށްވުރެ ގިނަ ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތް ކުރަމުންއެބަދެއެވެ. ދެވަނަ ފިޔަވަހީގައި ސަރުކާރުން ތަރައްޤީކުރައްވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން 17000 ވުރެ ގިނަ ހައުސިންގ ޔުނިޓްގެ މަސައްކަތްވަނީ ކޮންޓްރެކްޓަރުންނާ ޙަވާލުކުރައްވާފައެވެ. ސަރުކާރުގެ އަމާޒަކީ މީގެތެރެއިން ގިނަ ހައުސިންގ ޔުނިޓްތައް ނިންމަވާ 2018 ވަނަ އަހަރުގައި ނިމުގެ ކުރިން މީހުން ދިރިއުޅެވޭނެ އިންތިޒާމް ހަމަޖެއްސެވުމެވެ.