ޚަބަރު

ޤަވާއިދާ ޚިލާފަށް އުޅެމުން ދިޔަ 4 ބިދޭސީއަކު ޑީޕޯޓް ކޮށްލަނީ


ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެނިކޮށް މި ހަފްތާގައި އިމިގްރޭޝަންގެ ބެއްލެވުމުގެ ދަށަށް ގެންނައި 4 ބިދޭސީއަކު ޑީޕޯޓްކޮށްލުމަށް އެ އިދާރާއިން ނިންމަވައިފިއެވެ.

ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ޙަސަން ޚަލީލް ވިދާޅުވީ މި ހަފްތާގެ ކުރީކޮޅު އެ އިދާރާއި ފުލުހުން ގުޅިގެން ހިންގެވި އޮޕަރޭޝަންގައި 10 ބިދޭސީއަކު ބަލާ ފާސްކޮށްފައިވާކަމަށެވެ. އަދި ހަތަރު މީހަކު އެ އިދާރާއިގެ ބެއްލެވުމުގެ ދަށުގައި ތިބިކަމަށެވެ. މި ހަތަރު މީހުން އިމިގްރޭޝަންގެ ބެއްލެވުމުގެ ދަށަށް ގެންނެވީ އެމީހުންގެ ވޯކް ވިސާ ހަމަވެފައިވާތީކަމަށް ހަލީލު ވިދާޅުވިއެވެ.

ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ބިދޭސީން އުޅޭ އުޅުން ހުއްޓުވުމުގެ ގޮތުން 2015 ވަނަ އަހަރުން ފެށިގެން އިމިގްރޭޝަނުން އަންނަނީ ޚާއްސަ ޕްރޮގްރާމްތަކެއް ހިންގަވަމުންނެވެ.

އެ ޕްރޮގުރާމުތަކުގެ ތެރެއިން "ޝެއާޑް ރެސްޕޮންސިބިލިޓީ" ޕްރޮގުރާމުގެ ދަށުން ސައްޙަ ލިޔެކިޔުމެއް ނެތި އުޅެމުންދާ ބިދޭސީންގެ ތެރެއިން ޖިނާޢީ ކުށެއްގެ ތުހުމަތެއް ނެތް އަދި ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ ކަމަށް އިމިގްރޭޝަނަށް ރިޕޯޓުކޮށްފައި ނުވާ ފަރާތްތަކަށް ޤަވާއިދާއި އެއްގޮތަށް އުޅުމުގެ ފުރުޞަތު ދިނުމަށް ކަނޑައަޅުއްވާފައިވެއެވެ.