ޚަބަރު

ހިޖުރަކުރާ ދޫނިތައް ނުހިފުމަށް އިލްތިމާސްކުރައްވައިފި


މިދުވަސްވަރަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން ޙިމާޔަތްކޮށްފައިވާ ދޫނި ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރެއް ކަމަށާއި، އެފަދަ ދޫނިތަށް ހިފާ ގޯނާ ނުކުރުމަށް އެންވަރަޔަމަންޓަލް ޕްރޮޓެކެޝަން އެޖެންސީ، އީޕީއޭއިން އިލްތިމާސްކުރައްވައިފިއެވެ.

ކޮންމެ އަހަރެއްގެވެސް އިރުވައި މޫސުމާ ދިމާކޮށް ރާއްޖެއަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ތަފާތު ވައްތަރުގެ ދޫނިތައް ހިޖުރަކުރަމުންދެއެވެ.

img:http://s4.psmnews.mv/images/660x400/14848897238621.jpg|ހިޖުރަކުރާ ދޫނިތަކެއް- ފޮޓޯ: ޒިންހުއާ

ޕީއެސްމްއެމްއަށް މަޢުލޫމާތު ދެއްވަމުން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވީ، ޙިމާޔަތްކޮށްފައިވާ ދޫންޏަށް ގެއްލުންދީ ގޯނާކުރާކަމުގެ ޝަކުވާ ހުށަހަޅަމުންދާ ކަމަށެވެ. އެގޮތަށް ޢަމަލުކުރާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ނައީމް ވިދާޅުވިއެވެ.

''ތިމާވެށީގެ ގޮތުން ދުނިޔޭގެ ފެންވަރުގެ ޤައުމަކަށް ވެފައި އޮތް އިރު އަމަލުންވެސް މިކަން އެބަޖެހޭ އެބަދައްކަން. ތަކުރާރުކޮށް މިކަން ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން. އެއް ފަރަތަކާ މެދު ފިޔަވަޅު އަޅައިފިން. އިތުރު ފަރާތްތަކާމެދު ފިޔަވަޅު އަޅަންދަނީ ތައްޔާރުވަމުން '' ނަޢީމް ވިދާޅުވިއެވެ.

ހިޖުރަކުރާ ދޫނި އާންމުކޮށް ހިޖުރަމުން ކުރަމުން ދަނީ ކުޅިތަކާއި ޗަސްބިން ހުންނަ ސަރަޙައްދުތަކަށެވެ.

img:http://s2.psmnews.mv/images/660x400/14848896991349.jpg|މާކަނާތަކެއް- މިއީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫންޏެއް- ފޮޓޯ: ޒިންހުއާ

ހިޖުރަކުރާ ބައެއް ދޫނިތަކުގެ ތެރޭގައި އިރުވައިހުދާއި، ރަތަފަ، ބުޅިތުނބި، ރޭރު، ކުރަނގި އަދި ސުރުމުތި ހިމެނެއެވެ.

މިދޫނިތަކަކީ ދުނިޔެއިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ދޫނިތަކެއް ކަމުން، އެފަދަ ދޫނިތަކަށް ގޯނާކޮށް، ނުހިފުމަށް އީޕޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާ ބެހޭ ޤަވާއިދުގައިވާ ގޮތުން ރާއްޖެއަށް ހިޖުރަ ކުރާ ދޫނީގެ އެއްވެސް ބާވަތެއް ހިފުމަކީ މަނާކަމެކެވެ. އަދި އެފަދަ ކަމެއް ކޮށްފިނަމަ އެ ކުށުގެ އަދަބެއްގެ ގޮތުން 500 އާއި 50،000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.