ކުޅިވަރު

ތިމަރަފުށީގައި ޓީޓީ މުބާރާތެއް ފަށައިފި


ތިމަރަފުށީ ޔޫތު ސެންޓަރުން އިންތިޒާމްކޮށްގެން ޓޭބަލް ޓެނިސް މުބާރާތެއް ފަށައިފިިއެވެ. މި މުބާރާތް ކުރިއަށްދަނީ ދެބަޔަކަށް ބަހާލައިގެންނެވެ. އެއީ ސިންގަލްސް އަދި ޑަބަލްސްގެ މެޗްތަކެވެ. 

މިމުބާރާތުގެ މައިގަނޑު މަޤުސަދަކީ ޓީޓީގެ ފޯރި ޒުވާނުންގެ މެދުގައި އިތުރަށް ވަރުގަދަ ކުރުމާއި ޓީޓީ މިހާރަށް ވުރެން އިތުރަށް އާލާކުރުން ކަމުގައި ތިމަރަފުށީ ޔޫތު ސެންޓަރުން މަޢުލޫމާތުދެއެވެ. ޓީޓީ އެސޯސިއޭޝަންގެ އެއްބާރުލުމާއި އެކު ކުރިއަށް ގެންދާ މިމުބާރާތުގައި ސިންގަލްސް އަދި ޑަބަލްސްގައި ޖުމްލަ 24 ބައިވެރިން ބައިވެރިވެފައިވެއެވެ. ތިމަރަފުށީ ޔޫތު ސެންޓަރ ހިންގެވުމާއި ހަވާލުވެހުންނެވި އަޙްމަދު ނާޞިރު ވިދާޅުވީ، ޔޫތު ސެންޓަރުގެ މައިގަނޑު އަމާޒަކީ މިއަހަރުގައި މާލޭގައި އޮންނަ ޓީޓީ މުބާރާތްތަކުގައި ދެޖިންސުގެ ހުރިހާ އުމުރު ފުރާއަކުން ތިމަރަފުށީ ތަމްސީލު ކުރުން ކަމުގައެވެ.

" އަޅުގަނޑުމެން މިހާރު މަސައްކަތް މިކުރަނީ ޓީޓީ އެސޯސިއޭޝަންގެ ޓްރެއިނަރަކާއެކު. އުއްމީދަކީ މާލޭގައި އޮންނަ މުބާރާތުގައި ހުރިހާ އުމުރުފުރާއަކުން ތިމަރަފުށީ ޔޫތު ސެންޓަރުގެ ކުދިން ވާދަކުރުން " ނާސިރު ވިދާޅުވިއެވެ.

 މި މުބާރާތަށް ޒުވާނުންގެ ފަރާތުން ބޮޑު އެެއްބާރުލުމެއް ލިބިގެންދާކަން ނާޞިރު ފާހަގަކުރެއްވިއެވެ.