ޚަބަރު

ޔުނިވަރސިޓީން ދޭ ހުރިހާ ޚިދުމަތެއް އަތޮޅުތެރެއިން ލިބޭނެ


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ދެމުންގެންދާ ހުރިހާ ޚިދުމަތްތަކެއް އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ އެ ޔުނިވަރސިޓީގެ ކެމްޕަސްތަކުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ފައްޓަވައިފިއެވެ.  

އަތޮޅުތެރޭގައި ހިންގަވާ އެމްއެންޔޫގެ 2 ކެމްޕަހަކަށް މެނޭޖަރުން އައްޔަންކުރުމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޤައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒު ވިދާޅުވީ އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ ހަތަރު ކެމްޕަހުންވެސް މާލެއެކޭ އެއްގޮތަށް މިހާރުވެސް ބައެއް ޚިދުމަތްތައް ދެމުންގެންދަވާކަމަށެވެ.

އެމްއެންޔޫގެ ހދ. ކުޅުދުއްފުށި ކެމްޕަހުގެ މެނޭޖަރު ކަމަށް އައްޔަންކުރައްވާފައިވަނީ އިބްރާހިމް މުހައްމަދުއެވެ. އަދި ގދ. ތިނަދޫ ކެމްޕަހުގެ މެނޭޖަރު ކަމަށް އައްޔަންކުރައްވާފައިވަނީ ކުރިންވެސް އެ މަޤާމުގައި ހުންނެވި މުހައްމަދު ޝަމީމް އާދަމްއެވެ. ޤައުމީ ޔުނިވަރސިޓީގެ މާލޭގެ ކެމްޕަސްތަކާއި މަރުކަޒުތަކުގެ އިތުރުން، ރާއްޖޭގެ 4 ސަރަޙައްދެއްގައި ޔުނިވަރސިޓީގެ ކެމްޕަސްތަކުގައި ކިޔަވައިދެމުން ގެންދެއެވެ.