ތަޢުލީމު

އައްޑޫސިޓީގެ ދަރިވަރުން އެސްއެސްސީން ފާސްވި ނިސްބަތް އިތުރުވެއްޖެ


އައްޑޫ ސިޓީގެ ސްކޫލްތަކުން ވޭތުވެދިޔަ އަހަރުގެ ކެމްބްރިޖް އޯލެވެލާއި އެސްއެސްސީ އިމްތިޚާނުގައި ބައިވެރިވި ދަރިވަރުން ފާސްވި ނިސްބަތް އަށްޑިހަ އިންސައްތަ އަށްވުރެ މައްޗަށް އަރާ ގިނަ ކުދިންތަކެއް ގަދަ ދިހައެއްގައި ހިމެނިއްޖެއެވެ.

އައްޑޫ ސިޓީގައި އޯލެވެލަށް ކިޔަވައިދޭ 5 ސުކޫލް ހުރެއެވެ. އެއީ ޝަރަފުއްދީން ސްކޫލާއި، ހިތަދޫ ސްކޫލް، ފޭދޫ ސްކޫލް، އިރުޝާދިއްޔާ ސްކޫލް އަދި ސ.އަތޮޅު މަދަރުސާއެވެ. މި 5 ސްކޫލުން މިދިޔަ އަހަރު އޯލްވެލް އިމްތިހާނުގައި ހަތްސަތޭކައަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވެއެވެ. ފަސް މާއްދައިން ފާސްވާ ކުދިންގެ ނިސްބަތް ފަސް ދޮޅަސް އިންސައްތައަށް ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅުއްވާފައިވާ އަމާޒަށް މި ސިޓީގެ ހުރިހާ ސްކޫލަކުންވެސް ވަނީ ވާސިލްވެފައެވެ. އަދި ތިން މާއްދައިން ފާސްވި ކުދިންގެ ނިސްބަތް އަށްޑިހަ އިންސައްތައަށްވުރެ މައްޗެވެ.

ޝަރަފުއްދީން ސްކޫލްގެ ނަތީޖާއަށް ބަލާއިރު، އޯލެވެލްގައި ބައިވެރިވި 150 ކުދިންގެ ތެރެއިން ތިރީސް ކުދިން ޤައުމީ ޓޮޕް ޓެންގައި ހިމެނިފައިވާއިރު، ހިތަދޫ ސްކޫލުން 60 ކުދިން އިމްތިހާނުގައި ބައިވެރިވެ 6 ކުއްޖަކު ޓޮޕް ޓެންގައި ހިމެނިފައިވެއެވެ.

ފޭދޫ ސްކޫލުން ފަސް މާއްދައިން ފާސްވި ދަރިވަރުންގެ ނިސްބަތް އަށްޑިހަ ފަހެއް އިންސައްތަ ވަނީ ހާސިލްކޮށްފައެވެ.

ސްކޫލްތަކުގެ ޕްރިންސިޕަލުން ފާހަގަކުރެއްވި ގޮތުގައި ހިތްހަމަޖެހޭ ނަތީޖާއެއް އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުން ހޯދިފައިވާކަމަށް ވިދާޅުވިއެވެ. އަދި ބައެއް މާއްދާތަކުން ސަތޭކަ އިންސައްތަ މާކްސް ދަރިވަރުން ހޯދާފައިވާއިރު، މިއަހަރު ފަސް މާއްދައިން ފާސްވާ ކުދިންގެ ނިސްބަތް އަށްޑިހަ އިންސައްތައަށް ވާސިލްވުމަށް އަޒުމް ކަނޑައަޅުއްވާފައިވާކަމަށް ޕްރިންސިޕަލުން ފާހަގަކުރެއްވިއެވެ.

އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުން ހޯދި ނަތީޖާއާއި މެދު ގިނަ ދަރިވަރުން ތިބީ ހިތްހަމަޖެހިފައެވެ. ދިވެހި އިސްލާމް މާއްދާއިން އެންމެ ހިތްހަމަޖެހޭ ނަތީޖާ ހޯދިފައި ނުވިނަމަވެސް މިއަހަރު އިތުރު ހަރަކާތްތަކާއި ޕްރޮގްރާމްތައް ހިންގައިގެން އެ ދެމާއްދާއިންވެސް ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމަށް ސްކޫލްތަކުން ފާހަގަކުރިއެވެ.