ދުނިޔެ

ސްނޯޑަންއަށް ދީފައިވާ ޙިމާޔަތުގެ މުއްދަތު ރަޝިޔާއިން އިތުރުކުރަނީ


ސިއްރު މަޢުލޫމާތުތަކެއް ލީކު ކުރި މައްސަލައެއްގައި އެމެރިކާއިން ހޯދަމުންދާ އެޑްވަޑް ސްނޯޑަން އަށް ރަޝިޔާ އިން ދީފައިވާ ޙިމާޔަތުގެ މުއްދަތު އިތުރު ކުރުމަށް އެޤައުމުން ނިންމައިފިއެވެ.

އުމުރުން 34 އަހަރުގެ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ސްނޯޑަން 2013 ވަނަ އަހަރު ރަޝިޔާގެ ޙިމާޔަތުގެ ދަށަށް ދިޔައީ، އެމެރިކާގެ ސިއްރު މަޢުލޫމާތުތަކެއް މީޑިއާއަށް ލީކްކޮށްލުމަށްފަހުއެވެ. ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނެއް ވިދާޅުވީ 2020 ވަނަ އަހަރާ ހަމައަށް ސްނޯޑަންއަށް ރަޝިޔާގެ ޙިމާޔަތުގައި ހުރެވޭ ގޮތަށް މުއްދަތު އިތުރުކޮށްދީފައިވާކަމަށެވެ.

ރަޝިޔާއިން ސްނޯޑަންއަށް ދީފައިވާ ޙިމާޔަތް 2020 ވަނަ އަހަރާ ހަމައަށް އިތުރުކުރުމަށް ނިންމާފައި މިވަނީ، އޭނާ އެމެރިކާއާ ޙަވާލު ކުރުމަކީ ހުކުރު ދުވަހު އެމެރިކާގެ ރައީސްކަމުގެ ހުވާކުރައްވާ ޑޮނަލްޑް ޓްރަމްޕަށް ރަޝިޔާއިން ދެވޭނެ އެންމެ ރަނގަޅު ހަދިޔާ ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ ސީ.އައި.އޭ.ގެ ކުރީގެ ވެރިޔަކު ވިދާޅުވެފައިވަނިކޮށެވެ.

ސީ.އައި.އޭ.ގެ ކުރީގެ ވެރިޔާގެ ވާހަކަތަކަށް ފާޑު ވިދާޅުވަމުން ރަޝިޔާ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ، ސިޔާސީ ޙިމާޔަތަށް އެދޭ މީހުން ހަދިޔާގެ ގޮތުގައި ޤައުމުތަކަށް ފޮނުވާލުމަކީ އެމެރިކާގެ ސިޔާސަތެއްކަން ސާފުވެއްޖެކަމަށެވެ.

ސްނޯޑަން ރަޝިޔާއަށް 2013 ވަނަ އަހަރު ދިއުމަށްފަހު އަހަރެއް ވަންދެން ހުރީ ވަގުތީ ޙިމާޔަތެއްގައެވެ. އަދި 2014 ވަނަ އަހަރު ރަޝިޔާއިން އޭނާއަށް 3 އަހަރުގެ މުއްދަތަކަށް ޙިމާޔަތްދިނެވެ. ރަޝިޔާއިން ސްނޯޑަން އަށް ދީފައިވާ ޙިމާޔަތުގެ މުއްދަތު 2020 ވަނަ އަހަރާ ހަމައަށް އިތުރު ކުރުމަށް ނިންމާފައި މިވަނީ ކުރިން ދިން 3 އަހަރުގެ މުއްދަތު މިއަހަރު ހަމަވާން އޮތްވައެވެ.

އެމެރިކާގެ އެތައް މިލިއަން ބަޔަކު ވަނީ ސްނޯޑަން އަށް އެމެރިކާ ސަރުކާރުން މާފު ދިނުމަށް ގޮވާލާ ޕެޓިޝަނެއް ވެސް ވައިޓް ހައުސްއަށް ހުށަހަޅާފައެވެ. ނަމަވެސް ވައިޓް ހައުސްއިން ބުނެފައިވަނީ އެކަމަށް ބޭނުންވާ ލިޔެކިއުންތައް ސްނޯޑަންގެ ފަރާތުން ހުށަހަޅާފައިނުވާކަމަށެވެ.

އެމެރިކާ ސަރުކާރުން ސްނޯޑަންގެ މައްޗަށް ކުރަނީ ޖާސޫސް ކުރުމާއި ދަޢުލަތުގެ މަޢުލޫމާތުން ވައްކަން ކުރުމުގެ ތުހުމަތެވެ.