ކުޅިވަރު

ސެންޓްރަލް ޒޯން ކޮލިފައިން ފުރަތަމަ މެޗުގައި ރާއްޖެއާއި ނޭޕާލް


މި މަހުގެ 27 ވަނަ ދުވަހު ރާއްޖޭގައި ފަށާ ސެންޓްރަލް ޒޯން ކޮލިފައިންގައި ފުރަތަމަ މެޗުގައި ވާދަކުރާނީ ދިވެހިރާއްޖެއާއި ނޭޕާލްކަމަށް ވޮލީ ބޯޅަ އެސޯސިއޭޝަނުން ބުނެފިއެވެ. 

ރާއްޖޭގައި އޮންނަ ފުރަތަމަ ބައިނަލްއަގްވާމީ ވޮލީބޯޅަ މުބާރާތްކަމަށްވާ 2018ގެ އެފްއައިވީބީ ވޯލް ޗެމްޕިއަންޝިޕްގެ އޭޝިޔާ ސަރަހައްދުގެ ސެންޓްރަލް ޒޯން ކޮލިފައިންގައި ވާދަކުރަނީ ތިން ގައުމަކުންނެވެ. އެއީ ދިވެހިރާއްޖެ، ނޭޕާލް އަދި އިރާނެވެ. 

މުބާރާތުގެ ކަންތައްތައް އިންތިޒާމްކުރުމަށް ވޮލީބޯޅަ އެސޯސިއޭޝަނުންނަވީ މިހާރު ކޮމިޓީއެއްވެސް އެކުލަވާލާފައެވެ. ކޮމިޓީގެ ޗެއާރމަނަކަށް ތަޖުރިބާކާރު ވޮލީ ކޯޗް މުޙައްމަދު ޝަރަފް ހަމަޖައްސާފައިވާއިރު، ވައިސް ޗެއާރމަނަކީ އާދަމް ހަލީމެވެ.

މުބާރާތުގެ އިންތިޒާމް ކޮމިޓީގެ ޗެއާރމަން މުޙައްމަދު ޝަރަފް ނޫސްވެރިންނަށް މައުލޫމާތުދެމުން ވިދާޅުވީ މުބާރާތުގެ އިންތިޒާމާއި ގުޅޭ ގިނަ ކަންތައްތަކެއް މިހާރު ނިމިފައިވާކަމަށެވެ. ހުރިހާ ކަމެއް ޕްލޭންކުރެވިފައިވާކަމަށާއި، ބާކީ އޮތީ ޕްލޭނާއި އެއްގޮތަށް ކަންތައްތައް ތަންފީޒުކުރުންކަމަށެވެ. ޓީމްތައް މިމަހުގެ ފަންސަވީހުގައި މާލެ އައްނާނެކަމަށާއި، މުބާރާތުގެ މެޗުތައް ކުޅޭނެ ގޮތުގެ ތަފްސީލްވެސް ޝަރަފްވަނީ ހިއްސާކުރައްވާފައެވެ.

"މުބާރާތާއި ގުޅުންހުރި ހުރިހާ ކަމެއްވަނީ ޕްލޭން ކުރެވިފައި. ޓީމްތައް ރާއްޖެ އަންނާނީ 25ގައި، ފުރަތަމަ މެޗުގައި ވާދަކުރާނީ ރާއްޖެއާއި ނޭޕާލް، ދެވަނަ މެޗުގައި ނޭޕާލް ނިކުންނާނީ އިރާންއާއި، ތިންވަނަ މެޗުގައި ދިވެހިރާއްޖެއާއި އިރާން ވާދަކުރާނީ"

img:http://s1.psmnews.mv/images/660x400/14847428962469.jpg|މިއަދު ވޮލީ އެސޯސިއޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ : ޕީއެސްއެމް، އަލީ ނަސީރު

ޝަރަފް ވިދާޅުވީ ސޯސަލް ސެންޓަރުގެ އިންޑޯ ހޯލަކީ މީގެ ކުރިން ޓީކެޓް ނަގައިގެން މީހުން ވަދެ ކުޅެމުންދާ ހޯލެއް ނޫންކަމުގައިވިޔަސް، ކުރިއަށްއޮށް ކޮލިފައިން މުބާރާތަށް ކުޅިބަލަން ވަދެވޭނީ 50 ރުފިޔާގެ ޓިކެޓެއް ނަގައިގެންކަމަށެވެ. މުބާރާތަށް އިންޑޯ ތައްޔާރުކުރުމުގެ ގޮތުން ޗޭންޖިންގ ރޫމަށް ބޭނުންވާ މަރާމާތްތަކާއި އެހެނިހެން މަރާމާތުތައް ޔޫތް މިނިސްޓްރީގެ އެހީތެރިކަމާއިއެކު މުބާރާތުގެ ކުރިން ކުރެވޭނެކަމަށްވެސް ޝަރަފް ފާހަގަކުރެއްވިއެވެ. 

ކުރު މުއްދަތެއްގެ ތެރޭގައި މުބާރާތުގެ ހުރިހާކަމެއް އިންތިޒާމްކުރަން ބަލާއިރު ބޮޑެތި ފަސޭހަތަކެއް އެބަހުރިކަމަށާއި، އެގޮތުން ރާއްޖޭގައި މުބާރާތުގެ ޓެކްނިކަލް ކަންތައްތައް ފުރިހަމައަށް ކުރިއަށްގެންދެވޭނެ ގާބިލް މީހުން އެބަތިބިކަމަށް ޝަރަފް ފާހަގަކުރެއްވިއެވެ. ބައިނަލްއަގްވާމީ ރެފްރީންނާއި ޓެކްނިކަލް އެހެނިހެން ސްޓާފުންވެސް އެބަތިބިކަމަށާއި، ސެކިއުރިޓީގެ ކަންތައްތައްވެސް ފަސޭހަކަމާއިއެކު ހަމަޖެހޭނެކަމަށް ޝަރަފް ވިދާޅުވިއެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ލަތީފްވަނީ މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް ދިވެހި ސަރުކާރާއި ޔޫތް މިނިސްޓްރީން ލިބެމުންދާ އެއްބާރުލުން ފާހަގަކުރައްވައި ރާއިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަދި ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމަށް ޝުކުރު އަދާކުރައްވާފައެވެ.