ޚަބަރު

އިސްލާމިކް މިނިސްޓަރ، ސޫދާންގެ ވަފްދާ ބައްދަލުކުރައްވައިފި


އިސްލާމިކް މިނިސްޓްރީގެ ދަޢުވަތަކަށް ރާއްޖެ ވަޑައިގެންނެވި ސޫދާންގެ އިސްލާމިކް ކައުންސިލްގެ ވަފުދުގެ ބޭފުޅުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދުއާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު އިސްލާމިކް މިނިސްޓްރީގައި ބޭއްވެވި ބައްދަލުވުމުގައި ރާއްޖެ އައުމަށް ދަޢުވަތު ދެއްވި ކަމަށްޓަކައި ސޫދާންގެ އިސްލާމިކް ކައުންސިލުގެ ވަފުދުން ވަނީ އިސްލާމިކް މިނިސްޓަރަށް ޝުކުރު ދަންނަވާފައެވެ. އަދި ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ސޫދާންގެ އިސްލާމިކް ކައުންސިލުގެ ލަފަޔާއި އިރުޝާދު ލިބިގެންދާނެކަމުގައި އެ ބޭފުޅުން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ދީނީ ގޮތުން ރާއްޖޭގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ބައެއް ޚިޔާލު ތަފާތުވުންތަކާއި ދީނީ ގޮތުން ހުރި ބައެއް މައްސަލަތައް ރަނގަޅުކުރެވިދާނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

މިވަފްދުގެ ބޭފުޅުން ވަނީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަބްދުﷲ ސަޢީދުއާ ވެސް މިއަދު ބައްދަލުކުރައްވާފައެވެ. އަދި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި އިސްލާމިކް ޔުނިވަރސިޓީ އަދި ޤުރުއާނާއި ބެހޭ މަރުކަޒަށްވެސް މިވަފްދުގެ ބޭފުޅުން ޒިޔާރަތްކުރެއްވިއެވެ. 

މާދަމާ ބާއްވާ ރާއްޖޭގެ އިލްމުވެރިންގެ 4 ވަނަ މަހާސިންތާގައި ވެސް މި ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ވަފްދު ރާއްޖެއިން ފުރާނީ އަންނަ ހޮނިހިރު ދުވަހުއެވެ.