ރާއްޖޭގައި ވީދި ނެތެމުންދިޔަ އިޖުތިމާޢީ ފޭރާން ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އަލުން އާ ކޮށްދެއްވާފައިވާކަމަށާއި އެކަމުގެ ސަބަބުން މިއަދު މުޖުތަމަޢުގައި ކުށްކުރުން މަދުވެފައިވާކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "އެންމެ ގާތުން" މިނަމުގައި ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ އަނބިކަނބަލުން ފާތިމަތު އިބްރާޙިމް އިސްނަންގަވައިގެން ރޭ ކާނިވާ ސަރަޙައްދުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ބައެއް ވަޒީރުންނާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ރައީސް ޢަބްދުﷲ ޔާމީން ދިވެހި ޤައުމަށާއި ރައްޔިތުންނަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުން، އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިޚާބު ކުރައްވަން ޖެހޭކަމަށެވެ. ރައީސް ޔާމީނަކީ ދިވެހި ޤައުމަށް މުޅިން އާ ދިރުމެއް ގެނެސްދެއްވި ވެރިއެއްކަމަށް މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވިއެވެ.
"ދެހާސް ތޭރަވަނަ އަހަރާ އަޅާ ކިޔާއިރު ރައީސް ޢަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެން ރާއްޖޭގެ ވީދިފައި އޮތް އިޖްތިމާޢީ ފޭރާން އަލުން އާކޮށްދެއްވި. އެކަމުގެ ސަބަބުން ރައްޔިތުންނާ ޒުވާނުން ކުށް ކުރުން ވަނީ މަދުވެފަ،" ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ވޭތުވެދިޔަ ދުވަސްތަކަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަ ކުރެވިގެން ދަނީ ރާއްޖޭގައި އިސްލާމީ ވަޙްދަތު ހިމާޔަތް ކުރުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅާ ޤައުމިއްޔަތު ހަރުދަނާ ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅު ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ފާހަގަކުރެއްވިއެވެ.
ޑިފެންސް މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ރާއްޖޭގެ ރަށްރަށުގެ ބަނދަރުތަކާއި މަގުތަކާއި ސްކޫލުތައް ހަދަމުން އަންނަނީ މީގެކުރިން ރާއްޖޭގެ ވެރިއަކު އެ މަސައްކަތްތައް ކުރެއްވި ސްޕީޑަށްވުރެ ބާރު ސްޕީޑެއްގައި ކަމަށެވެ. މިއަދު ރާއްޖޭގެ ކޮންމެ ދިމާލަކަށް ނަޒަރު ހިންގާލެއްވިއަސް ފެންނަމުންދާ ތަރައްޤީގެ އެކި މަޝްރޫޢުތަކަކީ ޤައުމު ދެކެ ލޯބިވާ ވެރިއަކު ވެރިކަމަށް ވަޑައިގަތުމުން ފެނިގެންދާ މަންޒަރުތައް ކަމަށް ވެސް މިނިސްޓަރ އާދަމް ޝަރީފްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
"މިއީ ޤައުމު ދެކެ ލޯބިވާ ވެރިން ޤައުމުތަކުގެ ވެރިކަމަށް ވަޑައިގަތުމުން ފެންނާނެ ވަރަށް ޚާއްސަ ކަންތައްތަކެއް،" ޑިފެންސް މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ވެރިއެއްގެ ކިބައިގައި ހުންނަން ޖެހޭނެ އަނެއް ޚާއްސަ ސިފައަކީ އިޖްތިމާޢީ ކަންކަމުގައި ބައިވެރިވުން ކަމަށާއި އެކަންކަން ރައީސް ޔާމީންގެ ކިބައިންވެސް ފެންނަމުންދާކަންވެސް ޑިފެންސް މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާޙިމް އިސްނަންގަވައިގެން ބޭއްވެވި މި ޖަލްސާއަކީ މާލެ ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ 8 އަތޮޅެއްގެ ރައްޔިތުންނާ ބައްދަލުކޮށް އެފަރާތްތަކުގެ ޝުޢޫރުތައް އޮޅުން ފިލުއްވުމުގެ ގޮތުން ބޭއްވެވި ޖަލްސާއެކެވެ.