ޚަބަރު

އިސްލާމީ ފަތުވާދޭ މަތީ މަޖިލީހުގެ ރައީސަކަށް ޝައިޚް ރަޝީދު


އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަމުގެ މަޤާމަށް ގަލޮޅު ގަސްކަރަ ފަޟީލަތުލް އުސްތާޛް އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ޢައްޔަނުކުރައްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަމަށް ޝައިޚް ރަޝީދު ޢައްޔަނުކުރެއްވީ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

ޝައިޚް މުޙައްމަދު ރަޝީދު އިބްރާހިމްއަކީ ރައީސް މައުމޫނުގެ ސަރުކާރުގައި އިސްލާމީ ކަންތައްތަކާއި ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަމުގެ މަޤާމާއި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ރައީސް ޑރ މުހައްމަދު ވަހީދުގެ ވެރިކަމުގައި ދިވެހިރާއްޖޭގެ ފިޤުހް އެކަޑަމީގެ ރައީސްކަމުގެ މަޤާމްވެސް އެމަނިކުފާން ވަނީ ފުރުއްވާފައެވެ.