ކުޅިވަރު

މިއަހަރު އިތުރު 7 ރަށެއްގައި މާޒިޔާގެ އެކަޑަމީ ހުޅުވަނީ


މިއަހަރު އިތުރު ހަތް ރަށެއްގައި މާޒިޔާގެ އެކަޑަމީ ހުޅުވާނެ ކަމަށް އެކްލަބުން ބުނެފިއެވެ.

މިހާރުވެސް ރާއްޖޭގެ ފަސް ސަރަހައްދެއްގައި އެކަޑަމީ ހިންގަމުންގެންދާ މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބުން ނިންމާފައިވަނީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ބާރަ ރަށެއްގައި އެކްލަބްގެ އެކަޑަމީ ހިންގުމަށެވެ. އެކްލަބްގެ މެނޭޖަރ އިބްރާހިމް ވަހީދު ވިދާޅުވީ ޒުވާން ކުޅުންތެރިން އުފެއްދުމުގެ ބޭނުމުގައި މާޒިޔާއިން މިދިޔަ އަހަރު ފެށި މި ޕްރޮގްރާމަށް ރަށް ރަށުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި، އަންނަ މަހު އެކަޑަމީތައް ހުޅުވާނެ ރަށްއް ކަނޑައަޅާނެ ކަމަށެވެ. 

މިހާރު މާޒިޔާއިން އެކަޑަމީ ހިންގާ ރަށްތަތަކީ ބ ތުޅާދޫ، ހދ ނޮޅިވަރަމް، ނ ހޮޅުދޫ، ރ ދުވާފަރުގެ އިތުރުން މާލެ އެވެ.

img:http://s3.psmnews.mv/images/660x400/14846791551233.jpg|މާޒިޔާ ހޮޅުދޫ އެކަޑަމީ

 މާލެ ފިޔަވައި އަނެއް ހަތަރު ރަށުގެ ކޮންމެ އެކަޑަމީއެއްގައި 150 ކުދިން ތަމްރީން ހޯދަމުން އަންނައިރު މާލޭގެ އެކަޑަމީގައި 250 ކުދިން ތަމްރީން ހޯދަމުން އަންނަ ކަމަށް ވަހީދު ވިދާޅުވިއެވެ.

" އެކަޑަމީގެ އެންމެ ބޮޑު ބޭނުމަކީ މުސްތަޤްބަލުގައި މާޒިޔާއަށް ކުޅޭނެ ޒުވާން ކުޅުންތެރިން އުފެއްދުން. އަނެއްކޮޅުން މިއެކަޑަމީތަކާއެކު މާޒިޔާގެ ސަޕޯޓަރުން އިތުރުވެގެން އެބަދޭ. އެކުދިންގެ ހިތްތަކުގައި މާޒިޔާއަށް ލޯބި އެބަޖެހޭ" ވަހީދު ވިދާޅުވިއެވެ.

 މާޒިޔާއިން އެކަޑަމީ ހިންގަނީ 6 އަހަރާއި 13 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެންނެވެ. އަދި އެކަޑަމީގައި ތަމްރީން ހަދާ ކުދިންނަށް ބޯޅައާއި ކިޓު ފޯރުކޮށްދެނީ އެކްލަބުންނެވެ. އެކަޑަމީގެ ކޯޗުން ތަމްރީން ކުރުވާ ރަށްރަށުގެ އެކަޑަމީގެ ކޯޗުން ހަމަޖައްސަނީވެސް ސީދާ މާޒިޔާގެ މެނޭޖްމަންޓްގެ ބެލުމުގެ ދަށުންނެވެ.