ކުޅިވަރު

މެދުކެނޑުމަކަށްފަހު މޯލްޑިވްސް އޯޕަން މި އަހަރު ބާއްވަނީ!


މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަން (އެމްބީބީއޭ)އާއި އޭޝިއަން ސާރފިންގ ޗެމްޕިއަންޝިޕްސް ގުޅިގެން ރާއްޖޭގައި 2014 ވަނަ އަހަރު ބޭއްވި މޯލްޑިވްސް އޯޕަންއަކީ ރާއްޖޭގެ ގިނަ ރާޅާ އެޅުންތެރިންނާއި ބޮޑީބޯޑަރުންނަށް ބައިނަލްއަޤްވާމީ މައިދާނުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދިޔަ މުބާރާތެކެވެ. މި މުބާރާތަކީ ދުނިޔޭގެ މޮޅު ރާޅާ އެޅުންތެރިންގެ ހުނަރުތައް ހަމަ ލޮލުން ބަލާލުމުގެ ފުރުސަތު ދިވެހިންނަށް ލިބިގެންދިޔަ މުބާރާތެކެވެ.

2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ކާމިޔާބުކަމާއިއެކު މޯލްޑިވްސް އޯޕަން ބޭއްވި ނަމަވެސް އެކި ސަބަބުތަކާއި ހެދި މި މުބާރާތް މިދިޔަ އަހަރު ބާއްވާފައެއް ނުވެއެވެ. އެހެންނަމަވެސް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަނުން އަންނީ މި މުބާރާތް މި އަހަރު ބާއްވަން ތައްޔާރުވަމުންނެވެ.

މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އަރީފް ވިދާޅުވީ މޯލްޑިވްސް އޯޕަންއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަޤްވާމީ ސާރފިންގ ހަރަކާތަށްވުމާއިއެކު އެ މުބާރާތް އަލުން ބާއްވަން ނިންމާފައިވާކަމަށެވެ. އަދި މި މުބާރާތް ބާއްވަން ނިންމާފައިވާ ސަބަބުތަކުގެ ތެރޭގައި ދިވެހި ރާޅާ އެޅުންތެރިންނަށް ބައިނަލްއަޤްވާމީ މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމާއި، ދުނިޔޭގެ ނަން މަޝްހޫރު ރާޅާ އެޅުންތެރިންނާއި ވާދަކޮށްލުމުގެ ފުރުސަތު ހޯދައިދިނުން ހިމެނޭކަމެވެ.

އަރީފް ވިދާޅުވީ މޯލްޑިވްސް އޯޕަންއަކީ ދުނިޔޭގެ މަޝްހޫރު ރާޅާ އެޅުންތެރިން ވަރަށް އިންތިޒާރުކުރާ މުބާރާތެއްކަމަށާއި، މިހާރުވެސް ގިނަ ބަޔަކު ރާއްޖޭގައި ބައިނަލްއަޤްވާމީ މުބާރާތެއް ބާއްވާނީ ކޮންއިރަކުތޯ ސުވާލުކުރަމުންދާކަމަށެވެ. އަދި ރާއްޖޭގައި މުބާރާތެއް އޮންނަނަމަ ޔަޤީނުންވެސް މުބާރާތުގައި ވާދަކުރަން ބޭނުންވާކަމަށް ބުނާކަމަށްވެސް އަރީފް ފާހަގަކުރެއްވިއެވެ.

"އަސްލު މި މުބާރާތް ބާއްވަން ނިންމި އެންމެ ބޮޑު ސަބަބަކީ ދިވެހި ރާޅާ އެޅުންތެރިންނަށް ބައިނަލްއަޤްވާމީ މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުން، ދިވެހި ކުދިން ވަރަށް އުއްމީދުކުރޭ މި މުބާރާތަށް، ދިވެހިން އެކަންޏެއް ނޫން، ބޭރުގެ ރާޅާ އެޅުންތެރިންވެސް އަހާ މޯލްޑިވްސް އޯޕަން އޮންނަނީ ކޮންއިރަކުތޯ، ބައިވެރިވާން ބޭނުމޭވެސް" އަރީފް ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14846784824117.jpg|މޯލްޑިވްސް އޯޕަން 2015ގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ : އެމްބީބީއޭ

އަރީފް ވިދާޅުވީ 2014 ވަނަ އަހަރާއި، 2015 ވަނަ އަހަރު މޯލްޑިވްސް އޯޕަން ބޭއްވީ އޭޝިއަން ސާރފިންގ ޗެމްޕިއަންޝިޕްސްއާއި ގުޅިގެންކަމަށާއި، މި އަހަރު މުބާރާތް އޮންނާނީ ދުނިޔޭގެ ވަރުގަދަ އިތުރު އެސޯސިއޭޝަނަކާއި ގުޅިގެންކަމަށެވެ. އެ އެސޯސިއޭޝަނަކީ ހަމަ ޔަޤީނުންވެސް ސާރފިންގއަށް ބަލާއިރު ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޖަމިއްޔާކަމަށާއި، އެސޯސިއޭޝަންގެ ނަން ވަރަށް އަވަހަށް އެންމެނަށް ހާމަކުރާނެކަމަށެވެ.

ދުނިޔޭގެ ނަން މަޝްހޫރު ވަރުގަދަ އެސޯސިއޭޝަނަކާއިއެކު މި އަހަރުގެ މުބާރާތް ހުރިހާ ގޮތަކުންވެސް ފާހަގަކޮށްލެވޭ ފެންވަރުގައި ބާއްވާން ނިންމާފައިވާކަމަށާއި، ކުރިން ދެ މުބާރާތަށްވުރެ މި މުބާރާތް ކުލަ ގަދަވާނެކަމަށް އެމްބީބީއޭއިން މައުލޫމާތުދެއްވަވެ.

މޯލްޑިވްސް އޯޕަންއަކީ ދިވެހި ރާޅާ އެޅުންތެރިންނަށް ހުޅުވިގެންދާ ފަހި ފުރުސަތެކެވެ. ބައިނަލްއަޤްވާމީ މީޑިޔާތަކުގައި ވިދާލަން ލިބޭ ރަނުގެ ފުރުސަތެކެވެ. ދުނިޔޭގެ ނަން މަޝްހޫރު ރާޅާ އެޅުންތެރިންނާއި ވާދަކޮށްލަން ލިބޭ އަގުހުރި ފުރުސަތެކެވެ. އެ ރާޅާ އެޅުންތެރިންގެ ކިބައިން އެތައް ކަމެއް ދަސްކޮށްލަން ލިބޭނެ މަދުން ނޫނީ ނުލިބޭ ފުރުސަތެކެވެ. 2014 ވަނަ އަހަރާއި 2015 ވަނަ އަހަރުވެސް މި ފުރުސަތުގެ ބޭނުން ދިވެހި އެތްލީޓުން ވަރަށް ރަނގަޅަށް ހިފިއެވެ.

2015 ވަނަ އަހަރުގެ މޯލްޑިވްސް އޯޕަންގެ ބޮޑީ ބޯޑިންގ އިވެންޓްގެ އެއްވަނަ ހޯދީ ދިވެހިރާއްޖޭގެ އެންމެ މޮޅު ބޮޑީބޯޑަރު އަލީ ޚުޝްރުވާން (ކުޑަ އައްޔަ)އެވެ. ކުޑަ އައްޔައަކީ ބައިނަލްއަޤްވާމީ ގިނަ މުބާރާތްތަކަކުން ރާއްޖެއަށް ރަންވަނަތަކެއް ހޯދައިދީފައިވާ ބޮޑީބޯޑަރެކެވެ.

img:http://s3.psmnews.mv/images/660x400/14846786912173.jpg|މޯލްޑިވްސް އޯޕަން 2015ގެ ބޮޑީބޯޑިންގ އިވެންޓްގެ އެއްވަނަ ހޯދި ކުޑަ އައްޔަ / ފޮޓޯ : ކުޑަ އައްޔަ އެފްބީ

ކުޑަ އައްޔަ ޤަބޫލުކުރާ ގޮތުގައި މޯލްޑިވްސް އޯޕަންއަކީ ދިވެހި ރާޅާ އެޅުންތެރިންގެ ހުވަފެންތަކާއި ގުޅިފައިވާ މުބާރާތެކެވެ. މުބާރާތުގައި ދިވެހި ރާޅާ އެޅުންތެރިން ވާދަކޮށްލައި ދިވެހިރާއްޖޭގެ ހިތްގައިމު މޫދުގައި މުޅި ދުނިޔެ ސިއްސުވާލަން ލިބޭ ފުރުސަތެކެވެ. އެހެންކަމުން އަލުން މުބާރާތް ބާއްވަން އެމްބީބީއޭއިން ނިންމާފައިވާތީ ކުޑަ އައްޔަ ވަނީ ހުރިހާ ރާޅާ އެޅުންތެރިންގެ ނަމުގައި އެ އެސޯސިއޭޝަނަށް ޝުކުރު އަދާކޮށްފައެވެ.

މޯލްޑިވްސް އޯޕަން 2017 ބާއްވާނެ ތާރީޚް އަދި އިއުލާން ނުކުރިކަމުގައިވިޔަސް މުބާރާތް ބާއްވާނެކަމުގެ ޚަބަރާއިއެކު ރާއްޖޭގެ ހުރިހާ ރާޅާ އެޅުންތެރިން ތިބީ އުފަލުން ފޮޅިފައެވެ. ރާއްޖޭގެ ރާޅާ އެޅުންތެރިން އެކަންޏެއް ނޫނެވެ. ރާއްޖެއިން ބޭރުގެ ސާރފަރުންގެ އުއްމީދަކީވެސް މި މުބާރާތް ބޭއްވުމެވެ. މޯލްޑިވްސް އޯޕަންއާއިއެކު ރާއްޖޭގެ ފަތުރުވެރިކަމަށްވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. ކުރިން ބޭއްވި ދެ އަހަރުވެސް އެކަން ފާހަގަވިއެވެ. 

މޯލްޑިވްސް އޯޕަން ބާއްވާނެކަމުގެ އުފާވެރި ޚަބަރާއިއެކު އެމްބީބީއޭއިން އިތުރު ކަމަކަށް ޔަޤީންކަމެއް ދެއެވެ. އެއީ ރާއްޖޭގައި މިހާތަނަށް ބާއްވާފައި ނުވާ ފެންވަރުގެ އަގުބޮޑު، ކުލަގަދަ، ފޯރިގަދަ، ވާދަވެރި ފާހަގަކޮށްލެވޭ މުބާރާތެއް ފެންނާނެކަމުގެ ޔަގީންކަމެވެ.