ސިޔާސީ

ރައީސްގެ އަނބިކަނބަލުން ރައްޔިތުންނާ ބައްދަލުކުރައްވައިފި


ރައްޔިތުންގެ ޝުޢޫރާއި އިޙުސާސްތައް ވީހާވެސް ގާތުން ދެނެގަތުމަށްޓަކައި މާލޭގައި ދިރިއުޅޭ ތަފާތު 8 އަތޮޅަށް ނިސްބަތްވާ ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާޙިމް ބައްދަލުކުރައްވައިފިއެވެ. އަލިމަސް ކާނިވަލުގައި މިރޭ އޮތް މި ބައްދަލުވުމަކީ ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބު ކުރެއްވުމަށް ރައީސްގެ އަނބިކަނބަލުން ފަށްޓަވާފައިވާ ކެމްޕެއިންގެ ދަށުން ބޭއްވެވި ބައްދަލުވުމެކެވެ.

img:http://s3.psmnews.mv/images/660x400/14846802461508.jpg|ރައީސްގެ އަނބިކަނބަލުން، މާލޭގައި ދިރިއުޅޭ ބައެއް އަތޮޅުތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޙަފްލާގެ ތެރެއިން ފޮޓޯ: ވަހީދު، ޕީއެސްއެމް

މި ބައްދަލުވުމުން އަމާޒުކުރެއްވީ މާލެ ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ކ، ރ، ވ، މ، ފ، ދ އަތޮޅާއި ފުވައްމުލައް ސިޓީގެ ރައްޔިތުންނަށެވެ.

img:http://s4.psmnews.mv/images/660x400/14846797582203.jpg|ރައީސްގެ އަނބިކަނބަލުން، މާލޭގައި ދިރިއުޅޭ ބައެއް އަތޮޅުތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ- ފޮޓޯ: ވަހީދު، ޕީއެސްއެމް

މި ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ 3 އަހަރު ދުވަހަށް ބަލާލާއިރު އެންމެ ބޮޑަށް ފާހަގަކުރެވިގެން ދިޔައީ ދީނީ ވަޙްދަތު ދަމަހައްޓަވާ ޤައުމިއްޔަތު ހަރުދަނާ ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅު ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރާއްޖޭގެ ސިއްޙީ ޙިދުމަތް އޮތީ ވަރަށް ދަށް ޙާލަތެއްގައި ކަމަށެވެ. ނަމަވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިފަހުން ރާއްޖޭގެ ސިއްޙީ ދާއިރާއަށް ދުވަހަކުވެސް ނާންނަވަރުގެ ބޮޑު ކުރިއެރުމެއް ރައީސް ޔާމީން ގެނެސްދެއްވިކަން މިނިސްޓަރ އާދަމް ޝަރީފްގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.

img:http://s1.psmnews.mv/images/660x400/14846803027878.jpg|ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު- ފޮޓޯ: ވަޙީދު، ޕީއެސްއެމް

މި ހަފްލާގައި ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުންވެސް ވާހަކަފުޅުދައްކަވާފައިވެއެވެ. އެގޮތުން ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ލީޑަރަކީ ދާންވީ މަގު އެނގޭ އަދި ދާންވިީ މަގުން ހިނގަން އެނގޭނެ މީހެއް ކަމަށެވެ. އަދި ލީޑަރަކީ އެހެން މީހުންނަށް ދާންވީ މަގު ދައްކުވައިދޭ މީހެއް ކަމަށާއި މި ސިފަތައް ރައީސް ޔާމީންގެ ކިބައިގައި ހުންނެވިކަން ޚަލީލްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

img:http://s1.psmnews.mv/images/660x400/14846801642684.jpg|ރައީސްގެ އަނބިކަނބަލުން، މާލޭގައި ދިރިއުޅޭ ބައެއް އަތޮޅުތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޙަފްލާގެ ތެރެއިން ފޮޓޯ: ވަހީދު، ޕީއެސްއެމް

ވިލުފުށި ދާއިރާގެ މެމްބަރ ރިޔާޒު ރަޝީދު ވިދާޅުވީ، މީގެކުރިން ދިވެހިން ތަޙައްމަލްކުރި އިޙްސާސްތަކާއި ދިވެހިން އުޅުނު ދަތި ޙާލު މިހާރު ދިވެހިން ހަނދާން ނެތިފައިވާ ކަމަށެވެ. އަދި ރައީސް ޢަބްދުﷲ ޔާމީން ވެރިކަމުގެ ދެވަނަ ދައުރަކަށް އިންތިޚާބު ކުރައްވަންޖެހޭ ސަބަބުތައް ކިތަންމެހާވެސް ގިނަ ކަމަށް ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14846802285304.jpg|ރައީސްގެ އަނބިކަނބަލުން، މާލޭގައި ދިރިއުޅޭ ބައެއް އަތޮޅުތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޙަފްލާގެ ތެރެއިން ފޮޓޯ: ވަހީދު، ޕީއެސްއެމް

މި ޖަލްސާގައި ޕީޕީއެމްއަށް އަލަށް ގުޅުނު ފައްސަތޭކައެއްހާ މެމްބަރުންގެ ފޯމް ރައީސްގެ އަނބިކަނބަލުންނާވަނީ ހަވާލުކުރައްވާފައިވެއެވެ. އަދި މި ބައްދަލުވުމުގައި އެކި އަތޮޅުތަކުން ބައިވެރިވި ރައްޔިތުންނާ ރައީސްގެ އަނބިކަނބަލުން ބައްދަލުކުރައްވާފައިވެއެވެ.