ޚަބަރު

އޯއައިސީގެ ބައްދަލުވުމަކަށް ފޮރިން މިނިސްޓަރ ފުރާވަޑައިގެންފި


ރޮހިންޔާ މުސްލިމުންނަށް ކުރިމަތިވެފައިވާ ހާލަތާ ގުޅޭ ގޮތުން ބާއްވާ ޚާއްސަ ބައްދަލުވުމަށް ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް މެލޭޝިއާއަށް ފުރާވަޑައިގެންފިއެވެ. އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީން އިންތިޒާމްކޮށްގެން ބާއްވާ މި ބައްދަލުވުމަށް މިނިސްޓަރ އާސިމް ފުރާވަޑައިގެންފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ރޮހިންގާ މުސްލިމުންނަށް ކުރިމަތިވެފައިވާ ހާލަތާ ގުޅޭގޮތުން އޯއައިސީން ޚާއްސަ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާއިރު ރޮހިންގާ މުސްލިމުންގެ ތެރެއިން 65000 މީހުން މިހާތަނަށް އެޤައުމު ދޫކޮށް ބަންގްލަދޭޝަށް ދަތުރުކޮށްފައިވާކަމަށް އދ.އިން ވަނީ ބުނެފައެވެ.

މިޔަންމާގެ ރަކާން ސްޓޭޓްގައި އުޅޭ އިދިކޮޅު ހަނގުރާމަވެރި ފަރާތްތައް ހޯދުމަށްކަމަށްބުނެ މިޔަންމާގެ އަސްކަރިއްޔާއިން ވަރުގަދަ އަސްކަރީ ހަރަކާތެއް ހިންގަމުންދާއިރު މިހަރަކާތުގައި ރޮހިންޔާ މުސްލިމުން އެއްވެސް ސަބަބަކާ ނުލާ މަރާ، އަންހެނުންގެ ޢިއްފަތްތެރިކަން ނާގާލާ، ޢާންމު ތަންތަނުގައި މިޔަންމާގެ އަސްކަރިއްޔާއިން ވަނީ ހުޅު ޖަހާފައެވެ.