ޚަބަރު

ރާއްޖޭގައި އަންހެނުންނަށް ސިޔާސީ ފަހި މާހައުލެއް ބޭނުންވޭ- ދުންޔާ


މުޖުތަމަޢުއާ ސިޔާސީ ޕާޓީތަކުގައި އަންހެނުންނަށް ޙަރަކާތްތެރިވެވޭނެ ރަނގަޅު މާޙައުލެއް ރާއްޖޭގައި ޤާއިމްކުރައްވަންޖެހޭ ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ އިސްލާމްއާބާދުގައި މިހާރު ކުރިޔަށްދާ، ސައުތު އޭޝިއަން ކޮމިއުނިޓީ ލީޑަރސް ކޮންފަރެންސްގައި ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ، ސިޔާސީ ދާއިރާއާއި އެހެނިހެން ދާއިރާތަކުގައިވެސް ރާއްޖޭގައި އަންހެނުންނަށް ގޮންޖެހުންތައް ހުރި ކަމަށެވެ. އެކަން އެހެން އޮތްނަމަވެސް ސިޔާސީ ދާއިރާގައި އަންހެނުންގެ ދައުރު ރާއްޖޭގައި ބޮޑު ކަމަށް ދުންޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14846679921910.jpg|ސައުތު އޭޝިއަން ވިމެންސް އެލަޔަންސް ސަވާ އޮފް ކޮމިއުނިޓީ ލީޑާރސްގެ ސަރަހައްދީ ބައްދަލުވުމުގެތެރެއިން-

ދުންޔާގެ ވާހަކަފުޅުގައި ވަނީ އަންހެނުންގެ ހައްޤުތައް ރައްކާތެރި ކުރުމުގެ ގޮތުން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރުގެ ތެރޭގައި ފާސްކުރެއްވި ޖެންޑާ އީކުއަލިޓީ ޤާނޫނަކީ އަންހެނުން ބާރުވެރި ކުރުވުމުގެ ގޮތުން ކުރައްވާފައިވާ މަސައްކަތެއްކަން އެކަމަނާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.