ޓުއަރިޒަމް

މޯލްޑިވްސް ގެޓަވޭސްގެ ޑައިވް މެގަޒިން ރަސްމީކޮށް ނެރެފި


މޯލްޑިވްސް ގެޓަވޭސްގެ ޑައިވް މެގަޒިން މިއަދު ރަސްމީކޮށް ނެރެފިއެވެ.

ޑައިވްއެމްވީގެ ނަމުގައި މި މެގަޒިން ނެރެފައިވަނީ އެކަމަށްޓަކައި ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޑައިވްއެމްވީ މެގަޒިނާ ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން މޯލްޑިވްސް ގެޓަވޭސްގެ ސީއީއޯ ޑރ ޙުސައިން ސަނީ ޢުމަރު ވިދާޅުވީ، މި މެގަޒިނަކީ ދިވެހިރާއްޖޭގެ ޑައިވް ޕޮއިންޓްތަކާއި ބެހޭ މައުލޫމާތު ވީހާވެސް ތަފްސީލީ ގޮތެއްގައި ފަތުރުވެރިންނަށް އަންގައިދިނުމުގެ ގޮތުން ނެރުނު މެގަޒިނެއްކަމަށެވެ. 

ސަނީ ވިދާޅުވީ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިސްތިހާރު ކުރަމުންދާއިރު، ރާއްޖޭގެ ޑައިވް ޕޮއިންޓްތައް ފުޅާދާއިރާއެއްގައި އިޝްތިހާރުކުރަންޖެހޭ ކަމަށެވެ. ޑައިވިންނަށް ޚާއްސަކޮށް މެގަޒިނެއް ނެރެ ރާއްޖޭގެ ޑައިވް ޕޮއިންޓްތައް ބައިނަލްއަޤްވާމީ ޓޫރިޒަމް މާކެޓްގައި އިޝްތިހާރުކުރަން ފެށުމުން އެކަމުގެ މަންފާ ދިވެހިރާއްޖޭގެ ޓޫރިޒަމް ސިނާޢަތަށް ލިބިގެންދާނޭކަމަށް ސަނީ ވިދާޅުވިއެވެ. 

ރާއްޖޭގައި އަހަރަކު ގާތްގަނޑަކަށް ދެ މިލިއަނެއްހާ ޑައިވްކުރާއިރު، ރާއްޖޭގައިހުރި ޑައިވް ޕޮއިންޓްތަކުގެ މަޢުލޫމާތު ފަތުރުވެރިންނަށް މިހާރަށްވުރެ ބޮޑަށް އަންގައިދޭންޖެހޭކަމަށް ސަނީ ވިދާޅުވިއެވެ.

" ޑައިވް ވަރަށްބޮޑެތި އޭޖެންޓުން އެބައުޅޭ، ޑައިވަށް ޚާއްސަ ޓްރެވަލާސް އެބައުޅޭ. އެހެންވީމަ އަޅުގަނޑުމެން ބޭނުންވަނީ މި މާކެޓް ވަރަށްބޮޑަށް ފުޅާކުރަން. ގެސްޓްހައުސްތައް ފުޅާވުމާއި ރިސޯޓްތައް އިތުރުވުމާއެކުވެސް، އަޅުގަނޑުމެންނަށް މި މާކެޓެއް ނުކުރެވޭ. އެހެންވީމަ އަޅުގަނޑުމެންނަށް ފެނުނީ މިއީ ވަރަށް މުހިއްމު މަސައްކަތެއްގެ ގޮތުގަ." ސަނީ ވިދާޅުވިއެވެ. 

ޑައިވްއެމްވީ މެގަޒިން މެދުވެރިކޮށް ފަތުރުވެރިންނަށް ރާއްޖޭގެ ޑައިވް ޕޮއިންޓްތައް ހުރި ތަންތަނާއި، އެތަންތަނަށް ދިއުމަށް ބޭނުންވާ މަޢުލޫމާތު ލިބެން ހުންނާނެއެވެ. މޯލްޑިވްސް ގެޓަވޭސްއިން މިއަދުވަނީ، ގެސްޓްހައުސް މޯލްޑިވްސްގެ މިއަހަރުގެ އަދަދުވެސް ނެރެފައެވެ. މޯލްޑިވްސް ގެޓަވޭސްއިން މަޢުލޫމާތުދޭގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ޓޫރިޒަމް ފެއާތަކުގައި ޑައިވްއެމްވީ އަދި ގެސްޓްހައުސް މޯލްޑިވްސް މެގަޒިން ފުޅާދާއިރާއެއްގައި އިޝްތިހާރުކުރުމަށް ވަނީ ހަމަޖެހިފައެވެ.