ޚަބަރު

ޝިއުނާގެ މަރާ ގުޅިގެން ކާރު ޑްރައިވަރުގެ މައްޗަށް ދަޢުވާކުރަނީ


މިދިޔަ އަހަރުގެ ފަހުކޮޅު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މަރުވި އުމުރުން 28 އަހަރުގެ ފާތިމަތު ޝިއުނާގެ މަރާ ގުޅިގެން މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރައްވައިފިއެވެ.

މި މައްސަލާގައި ދައުލަތުން ދައުވާ އުފުއްލަވާފައިވަނީ ގ.ސީވޭވް، އަޙްމަދު މަލްދާން ޢަލީގެ މައްޗަށެވެ. މީނާއަކީ ޝިއުނާގެ މަރުގެ މައްސަލާގައި ފުލުހުން ހައްޔަރުކުރި ކާރު ޑްރައިވަރެވެ.

މީނާގެ މައްޗަށް ދައުލަތުން އުފުއްލަވާފައިވަނީ އައު ޤާނޫނުލް އުޤޫބާތުގެ ދަށުން މީހަކު މަރުވެދިޔުމުގައި އިހުމާލުގެ ޢަމަލެއް ކުރި ކަމުގެ ދަޢުވާއެވެ. މި ކުށުގެ އަދަބަކީ ހަތަރު އަހަރަށް ޖަލަށްލުމެވެ. މި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލްކޯޓުގައި މާދަމާ ފެށުމަށް ވަނީ ތާވަލްކުރައްވާފައެވެ.

ޝިއުނާ މަރުވެފައިވަނީ އެނާގެ ރަހުމަތްތެރިޔަކާއެކު ހުޅުމާލޭގައި ސައިކަލު ދުއްވަން ނުކުމެ އުޅެނިކޮށް ހިނގި އެކްސިޑެންޓެއްގައެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ފަހަތުން އައި ކާރެއް އެ ސައިކަލުގައި ޖެހިގެންކަމަށް ފުލުހުން ވިދާޅުވެއެވެ.