ތަޢުލީމު

މުޙްޔިއްދީނު ސްކޫލްގެ އައު އިމާރާތް މިއަހަރުގެ ތެރޭގައި ނިމޭނެ


މުޙްޔިއްދީނު ސްކޫލްގައި އިމާރާތް ކުރަމުންގެންދާ 4 ބުރީގެ ޢިމާރާތުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިމޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މުޙްޔިއްދީނު ސްކޫލްގެ ޖާގަ އިތުރުކުރުމަށްޓަކައި އެސްކޫލްގައި އިމާރާތް ކުރަމުންގެންދާ 4 ބުރީގެ އިމާރާތުގެ ފައުންޑޭޝަންގެ މަސައްކަތް ނިމި، މިހާރު ކުރަމުންގެންދަނީ ފުރަތަމަ ޝީޓް އެޅުމުގެ މަސައްކަތެވެ. 

މި ސްކޫލާ ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް އިސްމާޢީލު އަލީ ވިދާޅުވީ މުޙްޔިއްދީނު ސްކޫލްގެ ގޯތިތެރޭގައި އަލަށް އިމާރާތް ކުރައްވަމުންގެންދަވާ ސްކޫލްގެ މަސައްކަތް ހަލުވިމިނެއްގައި ކުރިޔަށް ދާކަމަށާއި މިއަހަރުގެ ނިޔަލަށް ސްކޫލްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށެވެ.

"މި ސްކޫލް ނިމޭއިރުގައި އަދި 2018 ވަނައަހަރުގެ ބަޖެޓްގެ ތެރޭގައި ހިމަނަންޖެހޭ ބައެއް އެއީ 16 ކުލާސް ރޫމަށް ބޭނުންވާ ޑެސްކާއި ގޮނޑިއާއި މޭޒާ ބޯޑާ މި ވަސީލަތްތައް ހަރުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ. އޭގެ މާނައަކީ މި އެއްޗެހި ސްކޫލަށް ވެއްދޭނީ ސްކޫލް ނިމުނީމަ. އެހެންވީމަ އެވަސީލަތް ހަމަކުރުމުގެ މަސައްކަތް 2017 އާއި 2018 ގެ ބަޖެޓްގެ ތެރެއިން ކުރިޔަށްގެންދާގޮތަށް މި އޮތީ" އިބްރާހިމް އިސްމާޢީލް އަލީ ވިދާޅުވިއެވެ.

މި ސްކޫލްގައި 12 ކުލާސްރޫމާއި ލައިބްރަރީއަކާ ސްޓާފްރޫމެއް ހުންނާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މުޙިޔުއްދީން ސްކޫލަކީ ގްރޭޑް އެކަކުން ފެށިގެން ގްރޭޑް ދިހަޔަކަށް ކިޔަވައިދެއްވަމުން ގެންދާ ސްކޫލެކެވެ. މި ސްކޫލްގައި އިމާރާތް ކުރަމުންގެންދާ 4 ބުރީގެ ޢިމާރާތް އެޅުމުގެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުން ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރައްވާފައިި ވަނީ މިދިޔަ އަަހަރުގެ އޯގަސްޓުމަހުގެ ތެރޭގައެވެ.