ވިޔަފާރި

އުރީދޫގެ "ފޯޖީ ޕްލަސް" ނެޓްވޯކް މުޅި ރާއްޖެއަށް


މުޅި ރާއްޖެއަށް އުރީދޫގެ "ފޯޖީ ޕްލަސް" ނެޓްވޯކް ފުޅާކުރުމުގެ މަސައްކަތް ކާމިޔާބުކަމާއި އެކު ނިންމާލެވިފައިވާކަމަށް އުރީދޫ މޯލްޑިވްސްއިން މިއަދު އިއުލާންކޮށްފިއެވެ. މިއާއެކު މިހާރު މުޅި ރާއްޖެއަށް އުރީދޫގެ "ފޯޖީ ޕްލަސް" ނެޓްވޯކްގެ ޙިދުމަތް މިހާރު ލިބޭނެ ކަމަށް އުރީދޫން ހާމަކުރެއެވެ.

އުރީދޫގެ މި ކާމިޔާބީ ފާހަގަކޮށް އެކުންފުނިން ހޮޓެލް ޖެންގައި ބޭއްވި ހަފްލާގައި އުރީދޫގެ ސީއީއޯ، ވިކްރަމް ސިންހާ ވިދާޅުވީ އެކުންފުނިން "ފޯޖީ ޕްލަސް" ނެޓްވޯކް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ނިންމާލާފައިވަނީ، ރެކޯޑް މުއްދަތެއްގެ ތެރޭގައި ކަމަށެވެ. އަދި ރާއްޖެއަށް ޒަމާނީ ޓެކްނޮލޮޖީ ތަޢާރަފްކުރުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތާއި، އުރީދޫ ގްރޫޕްގެ އެހީތެރިކަމާއެކު، ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް މުޅި ރާއްޖެއަށް ހައި ސްޕީޑް ބްރޯޑްބޭންޑް ނެޓްވޯކުގެ ޚިދުމަތް ދިނުމަށް އެކުންފުނިން ތައްޔާރުވަމުންދާ ކަމަށެވެ.

އުރީދޫގެ ކަސްޓަމަރުންނަށް "ފޯޖީ ޕްލަސް" ސިމްކާޑް ލައްވާފައިވާ ފޯނުތައް މެދުވެރިކޮށް، "ފޯޖީ ޕްލަސްގެ ޚިދުމަތް ލިބޭނެގޮތް ހަމަޖައްސާފައިވާއިރު، އުރީދޫ އެކްސްޕީރިއަންސް ސެންޓަރު ތަކުންނާއި ބިޒްނަސް ޕަރޓްނަރ ޝޮޕްތަކުން "ފޯޖީ ޕްލަސް" ސިމް ކާޑް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ. މުޅި ރާއްޖެއަށް "ފޯޖީ ޕްލަސް" ނެޓްވޯކް ފުޅާކުރުމުގެ މަސައްކަތުގެ އިތުރުން، މިއަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރިސޯޓުތަކާއި ރަށްތަކަށް، ބްރޯޑްބޭންޑްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އުރީދޫން ވަނީ ފަށާފައެވެ.