ޓުއަރިޒަމް

އައްޑޫސިޓީގެ ޓޫރިޒަމް ސިނާއަތުގެ ތަސައްވުރު ބަދަލުކޮށްލަނީ


ކުރިއަށްއޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އައްޑޫސިޓީގެ ޓޫރިޒަމް ސިނާއަތުގެ ތަސައްވުރު އެއްކޮށް ބަދަލުކޮށްލައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، އައްޑޫސިޓީގެ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫޢުތައް ފެށުމަށް ވަމުންގެންދާ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުންނެވެ.

ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅަކީ، އައްޑޫސިޓީގެ ތަރައްޤީއާއި ރައްޔިތުންނަށް ދިމާވާ ދަތިތައް އޮޅުންފިލުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސްޓިއަރިން ކޮމިޓީގެ ފަރާތުން ކުރެއްވި ދަތުރުފުޅެކެވެ.

ޓޫރިޒަމް މިނިސްޓަރ ވަނީ މި ސިޓީގެ ހުރިހާ ރަށަކަށް ވަޑައިގެން އެ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވޭނެ ގޮތްތަކާއި ގުޅޭގޮތުން ރައްޔިތުންނާއި ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ. އަދި މިސިޓީގެ ފަޅުރަށްތަކާއި، ފަތުރުވެރިކަމަށް ދޫކުރެވޭނެ އެހެނިހެން ސަރަޙައްދުތައްވެސް މިނިސްޓަރ ބައްލަވާލެއްވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން ހުޅުމީދޫގައި ހުންނަވާ، ޕީއެސްއެމަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި މިނިސްޓަރ ޒަމީރު ވިދާޅުވީ، އިންޓެގްރޭޓޭޑް ޓޫރިޒަމަށް ކަނޑައަޅަފައިވާ ސަރަޙައްދުތަކެއް އައްޑޫ ސިޓީގައި އެބަ އޮތްކަމަށެވެ. އެތަންތަނުގައި އަވަހަށް މަސައްކަތްތައް ފަށައިގަތުމަށް އިންޓެގްރޭޓެޑް ޕްލޭން ރައްޔިތުންނާއި ޙިއްސާ ކުރައްވާފައިވާ ކަމަށާއި، ރައްޔިތުންގެ ވަރަށްބޮޑު އެއްބާރުލުމެއް ލިބެމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް އިންޓޭގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ބޭފުޅުންގެ ސާރވޭއަށްފަހު ކުރިއަށް އޮތް ދެދުވަހެއްގެ ތެރޭގައި އައްޑޫގައި ކިހާ ޢަދަދެއްގެ ޓޫރިޒަމް އެނދު ތަރައްޤީ ކުރެވޭނެކަން އެނގިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި، އައްޑޫ ސިޓީގެ ޒުވާނުންނާއި ވިޔަފާރިވެރިންނާއި ބައްދަލުކުރައްވާ ޒުވާނުންނަށް ހުރި ވަޒީފާގެ ފުރުޞަތުތަކާއި، ވިޔަފާރި ޕްލޭންތަކަށް ހުރި ފުރުސަތުތައް އެނގިވަޑައިގެންފައިވާކަން މިނިސްޓަރ ޒަމީރު ފާހަގަކުރެއްވިއެވެ. އައްޑޫސިޓީގެ އެންމެ ބޮޑު އެއް ކާމިޔާބަކީ މި ސަރުކާރުން އައްޑޫސިޓީގެ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާ ކުރެވުން ކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމިރު ވިދާޅުވިއެވެ.

އައްޑޫސިޓީގައި ޓޫރިޒަމަށް އިންވެސްޓްކުރުމަށް ފުރުޞަތުދެއްވާނީ މިސިޓީގެ ވިޔަފާރިވެރިންނަނަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.