ޚަބަރު

ލޯ ރިޕޯޓްސްގެ މޯބައިލް އެޕްލިކޭޝަން އެޕް ސްޓޯރަށް


ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓްތަކުން ޤާނޫނާ ޤަވާއިދުތަކަށް ރިޢާޔަތްކުރައްވައި ކުރައްވާފައިވާ ޙުކުމްތައް ހިމެނޭ ޑޭޓާބޭސްގެ މޯބައިލް އެޕްލިކޭޝަން ތައާރަފްކުރައްވައިފިއެވެ.

ލޯ ރިޕޯޓްގެ ނަމުގައި މިދިޔައަހަރުގެ ތެރޭގައި ތަޢާރަފް ކުރައްވާފައިވާ މިޑޭޓާބޭސްގެ މޯބައިލް އެޕްލިކޭޝަން އެޕަލް ސްޓޯރުގައި މިއަދު ވަނީ ހިމަނުއްވާފައެވެ. ޤާނޫނުތައް ގިންތިކޮށްގެން ތައްޔާރުކޮށްފައިވާ މި ޑޭޓާބޭސްގައި، ކޮންމެ ޤާނޫނެއްވެސް ފެނިގެންދާއިރު، އެ ޤާނޫނަށް އިޞްލާޙެއް އައިސްފައިވާނަމަ، އެ އިޞްލާޙްތައް ފަސޭހަކަމާއެކު ފެންނާނެގޮތަށް ފަރުމާކޮށްފައިވެއެވެ. މި ޑޭޓާބޭހުގެ ލޯ ރިޕޯޓިންގެ ފަސް ބައި ކަމުގައި ވާ ޤާނޫނު، ޤަވާއިދު، އުސޫލު، ޤަރާރު އަދި ޝަރުޢީ ޙުކުމްތައް ހިމަނުއްވާފައިވެއެވެ. 

މި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ ފަސޭހަކަމާއެކު ސާރޗްކޮށްލެވޭ ފަދަ ފީޗާރސްތަކާއެކުގައިކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއެވެ. ޤާނޫނުތަކާއި ޤަވާއިދުތަކާއި ޙުކުމްތަކުގެ ޕީޑީއެފް ސޮފްޓް ކޮޕީ މި އެޕްލިކޭޝަން މެދުވެރިކޮށް ޑައުންލޯޑް ކުރެއްވޭނެކަމަށް ޖުޑީޝަރީން ވިދާޅުވެއެވެ.

ލޯ ރިޕޯޓް ޑޭޓާބޭސްގެ މޯބައިލް އެޕްލިކޭޝަން އެޕަލް އެޕްސްޓޯރ އަދި ގޫގުލް ޕްލޭ ސްޓޯރ އިން ޑައުންލޯޑްކުރެއްވޭނެއެވެ.