ކުޅިވަރު

އެވޯޑާއެކު ނިޒާމްބެއަށް ބޮޑު ހިތްވަރެއް


އަހަރުގެ އެންމެ މޮޅު ކޯޗްގެ އެވޯޑަކީ ކެރިއަރުގައި ކުރިއަށްދާން ލިބުނު އެންމެ ބޮޑު ހިތްވަރުކަމަށް މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ މޮޅު ކޯޗްގެ މަގާމް ހޯދި މުޙައްމަދު ނިޒާމް ބުނެފިއެވެ. 

އަހަރުގެ އެންމެ މޮޅު ކޯޗުގެ މަޤާމް ނިޒާމް ހޯދީ އީގަލްސްގެ ކޯޗު އިހުސާން އަބުދުލްޣަނީ އާއި މާޒިޔާގެ ކޯޗު ޢަލީ ސުޒޭނާއި ވާދަކޮށެވެ. 

އެވޯޑް ލިބުމަށްފަހު ނިޒާމް ބުނީ މީ ކޯޗިން ކެރިއަރުގައި ލިބުނު އެންމެ ބޮޑު ހިތްވަރުކަމަށާއި، އެންމެ ހިތްހަމަ ޖެހެނީ މި އެވޯޑަކީ ފުޓްބޯޅައިގެ ގިނަ ފަރާތްތަކަކުން ދިން އެވޯޑަކަށްވާތީކަމަށެވެ. އޭނާއަށް ކޯޗިންގައި ކުރިއަށްދިޔުމަށް އެހީތެރިވެދޭ ހުރިހާ އެންމެންނަށް ނިޒާމް ޝުކުރުއަދާކުރިއެވެ. 

"މީ ލިބުނު އެންމެ ބޮޑު ހިތްވަރު، ސަބަބަކީ މީ ބަޔަކު ދިން އެވޯޑަކަށް ނުވެފަ މި އެވޯޑަކީ ފުޓްބޯޅައިގެ އެންމެހާ ފަރާތްތަކުން ދިން އެވޯޑަކަށްވާތީ. ވަރަށް އުފާކުރަން ހުރިހާ އެންމެން އަޅުގަނޑުގެ މަސައްކަތް ގަބޫލުކުރީތީ. ހަމަގައިމުވެސް މި އެވޯޑް ލިބުމުގައި ޓިސީންނާއި އާއިލާއިން ލިބުނު ހިތްވަރު ހަނދާން ނައްތާނުލަން، އެ އެންމެންގެ އުއްމީދު މި ހާސިލްވީ" މިދިޔަ ސީޒަންގެ ހުރިހާ ފައިނަލެއްގައި ކުޅުނު ޓީމްގެ ކޯޗު ބުންޏެވެ.

ނިޒާމް ބުނީ ކޯޗުގެ އެވޯޑް ލިބުމަށްވުރެ އޭނާ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އޭނާ އިރުޝާދުދިން ކުޅުންތެރިޔަކު އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދުންކަމަށެވެ. 

ޓީސީއާއިއެކު މިދިޔަ އަހަރު ހުރިހާ މުބާރާތެއްގެ ދެވަނަ މަގާމް ހޯދި ނިޒާމްވަނީ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްފަދަ އެވޯޑެއް ބާއްވާތީ އެކަން ފާހަގަކޮށް މި އެވޯޑް ދިނުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.