ކުޅިވަރު

މޮޅު ކުޅުންތެރިޔާގެ އެވޯޑަކީ ހުވަފެނެއް ހަގީގަތަކަށްވުން - ސެންޓޭ


އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަކީ ފުޓްބޯޅަ ކުޅެން ފެށުނީއްސުރެ ދެކެމުން އައި ހުވަފެނެއްކަމަށާއި، މޯލްޑިވްސް ފުޓްބޯޅަ އެވޯޑާއިއެކު އެކަން ހާސިލްވެއްޖެކަމަށް އަލީ ފާސިރު (ސެންޓޭ) ބުނެފިއެވެ. 

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އެފްއޭއެމާއި، އޮންލައިން ނޫހެއް ކަމުގައިވާ މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް ގުޅިގެން ބޭއްވި މޯލްޑިވްސް ފުޓްބޯލް އެވޯޑްސް 2016 ގައި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް މިދިޔަ އަހަރު ޓީސީއަށް ކުޅުނު ޢަލީ ފާސިރު ހޯދީ މާޒިޔާގެ ކެޕްޓަން އަސަދު ﷲ އަބުދު ﷲ އާއި، އީގަލްސްގެ ކެޕްޓަން އިމްރާން ނަޝީދުއާއި ވާދަކޮށެވެ. 

މިދިޔަ އަހަރު ޓީސީއާއިއެކު ތިރީސް ހަތަރު ގޯލް ޖަހައި އަހަރުގެ ރަންބޫޓުވެސް ފާސިރުވަނީ ހޯދާފައެވެ. އަދި އޭނާވަނީ މިދިޔަ އަހަރު ދިވެހި ޕްރިމިއަރ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައެވެ. 

އެވޯޑް ލިބުމަށްފަހު ފާސިރު ބުނީ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަކީ ފުޓްބޯޅަ ކުޅެން ފެށުނީއްސުރެ އުއްމީދުކުރި އެވޯޑެއްކަމަށާއި، މީ ދެކެމުން އައި ހުވަފެނެއްކަމަށެވެ. ފުޓްބޯޅަ ކުޅުމަށް އަބަދުވެސް އޭނާއަށް ހިތްވަރުދޭ އާއިލާއަށާއި، ކޯޗުންނާއި ކުޅުންތެރިންނަށް ފާސިރު ޝުކުރު އަދާކުރިއެވެ. 

img:http://s4.psmnews.mv/images/660x400/14845950941691.jpg|2016ވަނަ އަހަރުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށްދޭ ރަންބޫޓު ސެންޓޭއަށް ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ޔޯކް ހަވާލްކޮށްދެނީ / ފޮޓޯ : ޕީއެސްއެމް، އަލީ ނަސީރު

"ބޯޅަކުޅެން ފެށީއްސުރެ އުއްމީދުކުރިކަމެއް މޮޅު ކުޅުންތެރިޔާގެ އެވޯޑަކީ، ބުނާނެ އެއްޗެއްވެސް ނޭނގޭހާ އުފާވެފަ މިހިރީ. ފުރަތަމަ ފެމިލީއަށް ޝުކުރުއަދާކުރަން ބޭނުންވަނީ، ދެން ޓީސީއަށް، އެ ކްލަބްގެ މެނޭޖްމަންޓާއި، ކޯޗިން ސްޓާފް އަދި ކުޅުންތެރިންނަށް" އެވޯޑް ހަފްލާއަށްފަހު ޔެސް ޓީވީއާ ވާހަކަދައްކަމުން ސެންޓޭ ބުންޏެވެ.

ފާސިރު ބުނީ މި އެވޯޑާއިއެކު މިހާރު އަމާޒަކީ ކުރިއަށް އޮތް ސީޒަންގައި ނިއުރޭޑިއަންޓާއިއެކު މޮޅުކުޅުމެއް ދެއްކުންކަމަށާއި، ފުރަތަމަ އިސްކަމެއް ދޭނީ ކްލަބަށް ކާމިޔާބީ ހޯދައިދޭންކަމަށެވެ. ކްލަބަށް ކާމިޔާބީ ލިބޭނަމަ އިންޑިވިޖުއަލް އެވޯޑްވެސް ލިބޭނެކަމަށާއި، ނިއުރޭޑިއަންޓާއިއެކު ކާމިޔާބު ސީޒަނަކަށް އުއްމީދުކުރާކަމަށްވެސް ފާސިރު ބުންޏެވެ.