ވިޔަފާރި

އައްޑޫ ސިޓީގައި އިންވެސްޓްމަންޓް ފޯރަމެއް ބާއްވަވަނީ


އަންނަ މަހުގެ ތެރޭގައި އައްޑޫ ސިޓީގެ ވިޔަފާރިވެރިންނަށް އަމާޒުކޮށް އިންވެސްޓްމަންޓް ފޯރަމެއް ބާއްވަވާނެކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. 

ޓޫރިޒަމް މިނސްޓަރ މިހެން ވިދާޅުވީ، އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.

ޓޫރިޒަމް މިނިސްޓަރ މޫސަ ޒަމީރު އައްޑޫ ސިޓީއަށް ވަޑައިގަތީ މި ސިޓީގައި ކުރު މުއްދަތެއްގެ ތެރޭގައި އިންޓެގްރޭޓެޑް ޓޫރިޒަމް ފުޅާކުރެއްވޭނެ ގޮތްތަކާއި ގުޅޭގޮތުން ރައްޔިތުންނާއި މަޝްވަރާކޮށް އެތަންތަން ބައްލަވާލެއްވުމަށެވެ. ޕީއެސްއެމަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ،  އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް ބޭރުގެ އެއަރލައިންތަކުން ޝެޑިއުލް ދަތުރުތައް ކުރަމުންދާކަމަށެވެ. އެހެންކަމުން ޝެޑިއުލް ދަތުރުތައް މެދުނުކެނޑި ކުރެވޭ ގޮތްތަކަކީ އައްޑޫ ސިޓީގައި ޓޫރިޒަމް ބެޑް އިތުރުކުރެއްވުންކަން ފާހަގަކުރެއްވިއެވެ. 

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް މިހާރު ހަމައެކަނި ޝެޑިއުލް ދަތުރުކުރަމުންދަނީ ސްރީލަންކަން އެއަރލައިންސްއިންނެވެ. މިނިސްޓަރ ޒަމީރު ވިދާޅުވީ، ބައިނަލްއަޤްވާމީ އެހެން އެއަރލައިންތަކުންވެސް އައްޑޫއަށް ޝެޑިއުލް ދަތުރުތައް ކުރުމަށް ޝަޢުޤުވެރިކަން ފާޅުކުރަމުންދާކަމަށެވެ. އަދި އެފަރާތްތަކަށް ވިޔަފާރި އުޞޫލުން މިކަން ކުރެވެން އޮތީ އައްޑޫ ސިޓީގައި ޓޫރިޒަމް ބެޑް އިތުރުކުރެވިގެންކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އިންޓެގްރޭޓެޑް ޓޫރިޒަމަށް ހުޅުވާލައިގެން ވީހާވެސް އަވަހަށް އެކަން ކުރެއްވުމަށް މަސައްކަތް ފައްޓަވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޓޫރިޒަމް އައްޑޫގައި ފުޅާކުރުމަށްޓަކައި އައްޑޫސިޓީގެ ވިޔަފާރިވެރިންނަށް ޚާއްސަ ކުރައްވައިގެން އަންނަ މަހު އައްޑޫ ޓޫރިޒަމް އިންވެސްޓްމަންޓް ފޯރަމް ނަމުގައި ފޯރަމެއް އައްޑޫ ސިޓީގައި ބާއްވަވާނެކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އައްޑޫ ސިޓީގައި އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އޮފީހެއް ހުޅުއްވާނެކަމަށެވެ.

އިންޓެގްރޭޓޭޑް ޓޫރިޒަމް މަޝްރޫޢުތައް ކުރިއަށް ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމުގައި ކުންފުންޏެއް އުފައްދަވާފައެވެ.

ޓޫރިޒަމް މިނިސްޓަރ އައްޑުއަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅުގައި އައްޑޫގެ ގުޅިފައިވާ ރަށްތަކާއި ފޭދޫ ހިއްކާފައިވާ ބިމާ ގުޅިފައިވާ ދިގިހެރަ އާއި ސަވާހިލި ބައްލަވާލައްވާފައެވެ.