ކުޅިވަރު

ނިއުއާއި ގުޅުނީ ބުރަ މަސައްކަތްކޮށް ކާމިޔާބު ހޯދަން - ޓެވަރޭސް


ދިވެހިރާއްޖޭގެ އެންމެ ބޮޑު ކްލަބާއި ގުޅުނީ ބުރަ މަސަކަތްކޮށް ކާމިޔާބުކުރަންކަމަށާއި، އަރާމުކޮށްލަން ރާއްޖެ ނާންނަކަމުގެ ޔަގީންކަންދޭކަމަށް ނިއުރޭޑިއަންޓްގެ ކޯޗް ބެނޯޑޯ ޓެވަރޭސް ބުނެފިއެވެ. 

ނިއުރޭޑިއަންޓާއި ގުޅުނު އާ ކޯޗް ތައާރަފްކޮށް، އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު މެންދުރު ސޯލްޓް ކެފޭގައި އޮތް ނިއުރޭޑިއަންޓް ޕްރީ ސީޒަން ލޯންޗިންގ ރަސްމިއްޔާތުގައެވެ. 

މި ރަސްމިއްޔާތުގައ ވާހަކަދައްކަމުން ކުރިއަށް އޮތް ސީޒަނަށް ނިއުރޭޑިއަންޓާއި ގުޅުނު ކޯޗް ބުނީ އޭނާ އައީ ޗުއްޓީ ހޯދަކޮށްލައި އަރާމުކުރަން ނޫންކަމަށެވެ. އޭނާ ބޭނުންވަނީ މެޗުތަކުން މޮޅުވާންކަމަށާއި، ބުރަ މަސައްކަތްކުރަންކަމަށެވެ. އެއީ ތަމްރީނަކަށްފަހު ތަމްރީނަކުންކަމަށާއި، ދުވަހަކަށްފަހު ދުވަހަކުންކަމަށާއި، މެޗަކަށްފަހު މެޗަކުންކަމަށެވެ. 

މިދިޔަ ސީޒަންގައި ނިއުރޭޑިއަންޓުން ނެރުނު ނަތީޖާ ދެން މުސްތަގްބަލްގައި ތަކުރާރުވާން އޭނާ ބޭނުންނުވާކަމަށާއި، ސަޕޯޓަރުން މިދިޔަ ސީޒަން މަތިން ހަނދާން ނައްތާލާވަރުގެ ކާމިޔާބެއް މިސީޒަންގައި ޓީމުން ހޯދާނެކަމަށް ކޯޗް ބެނޯޑޯ ޓެވަރޭސް ބުންޏެވެ. 

"އަހަރެން މި ކްލަބަށް އައީ މޮޅުވާން، މަސައްކަތްކުރަން، ޕްރެކްޓިސްއަކަށްފަހު ޕްރެކްޓިސްއެއް، ދުވަހަކަށްފަހު ދުވަހެއް، މެޗަކަށްފަހު މެޗެއް" ޕޯޗްގަލްގެ ތަޖުރިބާކާރު ކޯޗު ބުންޏެވެ.

ނިއުރޭޑިއަންޓްގެ އާކޯޗް ޓެވަރޭސްއަކީ ޕޯޗުގަލްގެ ބެންފީކާގެ ޖޫނިއާ ޓީމަށް ކޯޗްކަންކޮށްދީފައިވާ ކޯޗެކެވެ. އަދި އޭނާވަނީ ޕޯޗުގަލްގެ ދެ ކްލަބްކަމަށްވާ ޕޯޓޯއާއި ގިލް ވިސެންޓްގެ ސްކައުޓެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. މީގެ އިތުރުން ދުނިޔޭގެ އެންމެ މަޝްހޫރު އެއް އެކަޑަމީ ކަމަށްވާ ސްޕޯޓިން ލިސްބަން އެކަޑަމީގެ އެސިސްޓަންޓް ކޯޗަކަށްވެސް ޓެވަރޭސް މަސައްކަތްކުރިއެވެ. ޓެވަރޭސްގެ އޭޝިޔާގެ ކޯޗިން ތަޖުރިބާއަށް ބަލާލާއިރު އޭނާވަނީ ބަހްރެއިންގެ އަލް ހިއްދުގެ އެސިސްޓެންޓް ކޯޗްކަމާއި، އޮމާންގެ އަލް ނަހްދާގެ ހެޑްކޯޗުކަން ކޮށްފައެވެ. 

ނިއުރޭޑިއަންޓާއެކު އެއްބަސްވުމުގައި މިއަދު ކޯޗް ޓެވަރޭސް ސޮއިކުރިއިރު، އެ ކްލަބްގެ މެނޭޖަރަކަށް ހަމަޖައްސާފައިވަނީ އަހުމަދު ރަޝީދު (ރެސްޓޭ) އެވެ. އެސިސްޓެންޓް ކޯޗަކީ އަޝްރަފް ލުތުފީ (ސަމްޕަތް) އެވެ. ގޯލްކީޕަރ ޓްރޭނަރަކީ ހަސަން ހަމީދު (ޑަކޭ) އެވެ.