ތަރައްްޤީ

ކެންދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިއްޖެ


މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމަށްވާ ކެޕިޓަލް އިންވެސްޓްމަންޓާއި ޙަވާލުކުރައްވައިގެން ސަރުކާރުން ކުރިއަށްގެންދަވާ މިމަސައްކަތާ ގުޅޭގޮތުން ހައުސިން މިނިސްޓްރީ ވިދާޅުވީ، ކެންދޫ ބަނދަރުގެ ހުރިހާ މަސައްކަތެއް އަންނަ މަހު ނިންމާލެވޭނެ ކަމަށެވެ. ބާރަސަތޭކައަށްވުރެ ގިނަ މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ކެންދޫގައި ކުރިން ބޭނުންކުރަމުންދިޔަ ބަނދަރު ސުނާމީ ކާރިސާގައި ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް ކެންދޫ ކައުންސިލުން ވިދާޅުވެއެވެ.

ކެންދޫ ކައުންސިލުގެ މެމްބަރު އަޙުމަދު ސަލީމް ވިދާޅުވީ، ސަރުކާރުން ކުރިއަށްގެންދަވާ މިމަޝްރޫޢުގެ ދަށުން 580 ފޫޓް ބޮޑު ބަނދަރެއް އެރަށުގައި ހައްދަވާނެ ކަމަށެވެ. މިބަނދަރުގައި 145 މީޓަރުގެ ބޮޑުހިލައިގެ ކަނޑުތޮށްޓެއްލުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާ ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި މިހާރު ބޭނުންކުރާ ބަނދަރާއި، ނެރުން ތިލަވެފައިވާ ސަރަޙައްދު ފުން ކުރެއްވުމަށް ނިންމަވާފައިވާކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެ.

ބަނދަރުގެ އެއްގަމުތޮށްޓާއި އިންވެގެން ޕޭވްމަންޓެއް ހެއްދެވުމުގެ އިތުރުން ނެރު ބައްތި ޖެހުމުގެ މަސައްކަތްވެސް މިމަޝްރޫޢުގެ ދަށުން ކުރިއަށްދާނެ ކަމަށް ސަލީމް ވިދާޅުވިއެވެ. ސަރުކާރުގެ ބަޖެޓުން ޚަރަދުކުރައްވައިގެން ހިންގަވާ މިމަޝްރޫޢަށް 29.2 މިލިއަން ރުފިޔާ ޚަރަދުވާކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.