މޯލްޑިވްސް ކަރެކްޝަންސް ސާރވިސްގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީސްއިން ހިންގި ކޯސްތައް ފުރިހަމަކުރި ގައިދީންގެ ދަސްވެނިވުން ބާއްވައިފިއެވެ.
އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީސުން މިދިޔަ އަހރު ހިންގި ކޯސްތަކުން 84 ޤައިޑީއަކު ދެސްވެނިވެފައިވެއެވެ.
2013 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްޙޫރިއްޔާ ތަސްދީޤްކުރެއްވި ޖަލުތަކާ ޕެރޯލްގެ ޤާނޫނުގެގައިވާގޮތުން ބުނެފައިވަނީ ޙުކުމް ތަންފީޒުކުރަމުންދާ ޤައިދީން މުޖުތަމަޢުއަށް އަޙުލުވެރިކޮށް، ޤައިދީން ކުށްކުރުމުން ދުރުހެލިކުރުމަށް ތަފާތު އެކި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސުން ހިންގަންޖެހެއެވެ.
2015 ވަނަ އަހަރުގެ ޖޫން މަހު އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީސްގެ ނަމުގައި އިންސްޓިޓިއުޓެއް އުފައްދަވާ އެ އިންސްޓިޓިއުޓުން ޤައިދީންނަށް ތަފާތު އެކި ކޯސްތައް ކަރެކްޝަނަލް ސާވިސުން އަންނަނީ ހިންގަވަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި އެ އިންސްޓިޓިއުޓުން ހިންގެވި ކޯސްތަކުގައި 179 ޤައިދީއަކު ބައިވެރިވެފައިވެއެވެ. މީގެތެރެއިން 84 ޤައިދީއަކު ކޯސްތައް ފުރިހަމަކޮށްފައިވެއެވެ.
އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީސުން މިދިޔަ އަހަރު ހިންގެވި ކޯސްތަކުގެ ތެރޭގައި ދަނޑުވެރިކަމުގެ ކޯސްތަކާއި ފެހުމުގެ ކޯސްތަކުގެ އިތުރުން ޤުރުޢާން ކިޔެވުމުގެ ކޯސްތައް ހިމެނެއެވެ.
މި ކޯސްތައް ފުރިހަމަ ކުރި ޤައިދީންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވުމަށް ބޭއްވެވި ރަސްމިޔާތު ޝަރުވެރިކޮށްދެއްވީ ހޯމް މިނިސްޓަރ އަޒްލީން އަހުމަދެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙުމަދު ވިދާޅުވީ ނުރައްކާތަކާއި ބިރުވެރިކަންތަކުން ދުރުވެވޭނީ ލިބިފައިވާ ޢިލްމު އެންމެ ހެޔޮގޮތުގައި ބޭނުންކޮށްގެންކަމަށެވެ. އަދި ކުރެވުނު ކުށެއްގެ ސަބަބުން އަދަބެއް ތަންފީޒުކުރަން ޖެހުމަކީ މުޖުތަމައުން ބާކީވުންކަމަށް ނުދެކި އެއީ އިމްތިހާނެއްކަމަށް ދެކި ކެތްތެރިކަމާއިއެކު ހެޔޮގޮތުގައި މަސައްކަތްކުރުމަށްވެސް ހޯމް މިނިސްޓަރ ގޮވާލެއްވިއެވެ.
ކަރެކްޝަނަލް ސާރވިސްގެ ފަރާތުން ޤައިދީންނަށް ތަފާތު އެކި ޕްރޮގްރާމްތަކާ ކޯސްތައް ހިންގަވަމުންގެންދަވާއިރު ޖަލުގެ ޤައިދީންގެ ތެރެއިންވެސް ކުދިކުދި ކުށްތައް ކޮށްފައި ތިބި ޤައިދީންނަށް ޚާއްސަ ލުޔެއް ދިނުމަށް ރަޢީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ނިންމަވާފައެވެ.