ޚަބަރު

އެހީގެ ތަކެތި މިފަހަރު ސޫރިޔާއަށް


ޙާލުގައި ޖެހިފައިވާ ސޫރިޔާގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ރާއްޖޭގެ ޖަމްޢިއްޔާތައް ގުޅިގެން އެހީގެ ގޮތުގައި ފޮނުވާ ތަކެތި ހޯދާ ޖަމާކުރުމުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ފެށޭނެ ކަމަށް އެ ޖަމްޢިއްޔާތަކުން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި މިރޭ ނޫސްވެރިންނަށް މަޢުލޫމާތު ދެމުންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޙާލުގައި ޖެހިފައިތިބި މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގެ ޖަމްޢިއްޔާތަކެއް ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ކެމްޕެނުގެ ދަށުން އެންމެ ފުރަތަމަ އެހީ ފޮނުވުމަށް ނިންމާފައިވަނީ ސޫރިޔާގައި ޙާލުގައި ޖެހިފައިތިބި މުސްލިމުންނަށެވެ.

އެހީގެ ގޮތުގައި ފޮނުވާ ތަކެއްޗާއި ގުޅޭގޮތުން އެ ހަރަކާތުގެ މެމްބަރެއް ކަމަށްވާ އާދަމް ނާއިފް ބުނީ ސޫރިޔާއަށް 3 ކޮންޓެއިނަރގެ ތަކެތި ފޮނުވުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އެ ކޮންޓެއިނަރ ތަކުގައި ފޮނުވަން ހަމަޖެހިފައިވަނީ އަންނައުނާއި، ކުޑަކުދިންގެ ކާނާ އާއި ގޮދަޑި އާއި ރަޖާ ފަދަ ތަކެތި ކަމަށް އޭނާ ބުންޏެވެ.

"އެނގިލައްވާނެ ފަދައިން ވަރަށް ފަހުން ހަލަބް، ނުވަތަ މަޝްހޫރު ނަމުންނަމަ "އެލެޕޯ ވަނީ ޙިޞާރުކުރެވި، އަތުލައިގަނެވިފަ. އަދި އެތަނުން ވަރަށް ބައިވަރު، ފަސްލައްކައެއްހާ އާންމު ރައްޔިތުން ވަނީ ބިކަކޮށް ބޭރުކުރެވިފަ. ވަންނާނެ ގެދޮރާއި، ކާނާއާއި، އަންނައުނާއި ވަރަށް ބޮޑަށް ވަނީ ބޭނުންޖެހިފައި. ވީމާ އަޅުގަނޑުމެންގެ މަޤްޞަދަކީ ސޫރިޔާއަށް އެހީތެރިކަން ފޯރުކޯށްދިނުން. ޚާއްސަކޮށް އަޅުގަނޑުމެން ފޯކަސް މިކުރަނީ "ޙަލަބް" ގެ ރައްޔިތުންނަށް." ނާއިފް ބުންޏެވެ.

މި ޙަރަކާތުގައި މިހާތަނަށް ރާއްޖޭގެ 10 ޖަމްޢިއްޔާއަކުން ބައިވެރިވެފައިވެއެވެ. އަދި މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ ޖަމްޢިއްޔާތަކަށް ވަނީ ހުޅުވާލެވިފައެވެ. އެހީގެ ގޮތުގައި ތަކެތި ފޯރުކޮށްދިނުމުގެ ފުރުޞަތު، ޢާންމު ފަރުދުންނަށްވެސް ހުޅުވާލެވިފައިވާ ކަމަށް އެ ޖަމްޢިއްޔާތަކުން ބުނެއެވެ. އެހީގެ ގޮތުގައި ފޮނުވުމަށް ހަމަޖެހިފައިވާ ތަކެތި މި ޙަރަކާތުގައި ބައިވެރިވާ ޖަމްޢިއްޔާތަކުން ބަލައިގަނެ، އެއްތަނަކަށް ޖަމާކުރުމުގެ މަސައްކަތް މިހަފްތާގެ ތެރޭގައި ފެށުމަށްވަނީ ހަމަޖެހިފައެވެ. އަދި އެހީ ހޯދުމަށްޓަކައި އެކި ޖަމްޢިއްޔާތަކުން ޙަރަކާތްތައް ކުރިއަށް ގެންދާ ގޮތަށް ވެސް ވަނީ ރޭވިފައެވެ.

މިއީ ފައިސާ އާއި މުދަލާއި ގުޅުންހުރި ޙަރަކާތަކަށްވާތީ މިފަދަ ދަނޑިވަޅުތަކާއި ދިމާކޮށް އޮޅުވާލައިގެން ފައިސާ ހޯދާ ފަރާތްތައް އުޅޭކަން ފާހަގަކޮށް މި ހަރަކާތަށް އެހީދޭ ފަރާތްތަކުން، އެކަމަށް ސަމާލުވުމަށް އެ ޖަމްޢިއްޔާތަކުން އިލްތިމާސްކުރެއެވެ.

"އަޅުގަނޑުމެން އެއްވެސް އިވެންޓެއްގައި ގުޅައިގެން ފައިސާއެއް ނުނަގަން. އަޅުގަނޑުމެންގެ އިވެންޓްތައް ކުރިއަށްދާ ގޮތް މީޑިޔާއަށާއި، އަދި އަޅުގަނޑުމެންނާއިއެކު ޙަރަކާތްތެރިވާ ފަރާތްތަކަށްވެސް އަޅުގަނޑުމެން ޙިއްސާކުރަމުން ގެންދާނަން." ޖަމްޢިއްޔާތަކުގެ ފަރާތުން ވާހަކަދައްކަމުން ނާއިފް ބުންޏެވެ.

ސޫރިޔާގައި މިވަގުތު ތޭރަ މިލިއަނަށްވުރެ ގިނަ މީހުން ގެދޮރުނެތިވެ ޙާލުގައި ޖެހިފައިވެއެވެ. އަދި ފައްސަތޭކަ ހާހަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. ތުރުކީގައި ފަސްމިލިއަނަށްވުރެ ގިނަ މީހުން ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުންދާއިރު އެހެނިހެން ޤައުމުތަކުގައިވެސް ފަސް މިލިއަނަށް ވުރެ ގިނަ މީހުން ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުން ގެންދާކަމަށް ޚަބަރުތައް ބުނެއެވެ.