ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސްޓެލްކޯގެ ވަޒީފާ


ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި ސްޓެލްކޯގެ އޮފީސްތަކުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމަށް ނިންމަވާފައިވާކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަބްދުއްޝަކޫރު ޞާލިހް ވިދާޅުވެއްޖެއެވެ. 

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ މިހެން ވިދާޅުވީ ސްޓެލްކޯއިން ތައްޔާރުކުރި އެކުންފުނީގެ މިއަހަރުގެ ކަލަންޑަރަށް ކުރެހުން ހަދިޔާކުރި ނުކުޅެދުންތެރިކަން ހުންނަ ކުދިން ކުރި މަސައްކަތުގެ އަގުވަޒަންކޮށް އެކުދިންނަށް ހަނދާނީ ލިޔުން ދިނުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ. އަބްދުއްޝަކޫރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުރި ދެކުއްޖަކު މިހާރުވެސް އެކުންފުނީގައި މަސައްކަތްކުރަމުންދާކަމަށެވެ. އަދި މިކުދިންނަކީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މުޖުތަމަޢުގައި އެހެން މީހުންނާއެކު ހަރަކާތްތެރިވުމުގެ ޤާބިލުކަން ހުރި ކުދިންކަން ޝަކޫރު ފާހަގަކުރެއްވިއެވެ.  

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހުނަރުތައް އާންމުންނަށް ދައްކާލުމުގެ އެކި ފުރުޞަތުތައް ސްޓެލްކޯއިން އަންނަނީ ފަހިކޮށްދެއްވަމުންނެވެ.