ވިޔަފާރި

"ލައިސަންސް އޮތް ފަރާތްތަކަށް ހަލް އިންޝުއަރެންސް ހެދޭނެ"


ކަނޑުގެ އުޅަނދު ފަހަރަށް ހަދަންޖެހޭ "ހަލް އެންޑް މެޝިނަރީ އިންޝުއަރެންސް" ރާއްޖޭގައި އިންޝުއަރެންސްގެ ޙިދުމަތް ދިނުމަށް ލައިސަންސް ދޫކޮށްފައިވާ ކޮންމެ ތަނަކުންވެސް ހެދޭނެކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

ހަލް އެންޑް މެޝިނަރީ އިންޝުއަރެންސް ކަވަރޭޖު ހަދަން ޖެހޭނީ، ހަމައެކަނި އެލައިޑް އިންޝުއަރެންސުން ކަމަށްބުނެ ދެކެވޭ ވާހަކަތައް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ވަނީ ދޮގުކުރައްވާފައެވެ. 

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއަރމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވީ ހަލް އެންޑް މެޝިނަރީ އިންޝުއަރެންސް ހެޔޮއަގެއްގައި ފޯރުކޮށްދިނުމަށް އެލައިޑް އިންޝުއަރެންސް ކޮމްޕެނީއާއެކު އެއްބަސްވުމެއް އެކުލަވާލާފައިވާކަމަށެވެ. މި އެއްބަސްވުން އޮތްނަމަވެސް ރާއްޖޭގައި އިންޝުއަރެންސްގެ ޙިދުމަތް ދިނުމަށް ލައިސަންސް ދޫކޮށްފައިވާ ކޮންމެ ތަނަކުންވެސް "ހަލް އެންޑް މެޝިނަރީ އިންޝުއަރެންސް" ގެ ހިދުމަތް ދިނުމަށް އެއްވެސް ހުރަހެއްނެތްކަމަށް އަބްދުއްރަޝީދު ނާފިޒު ވިދާޅުވިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން އެލައިޑް އިންޝުއަރެންސާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކަނޑު އުޅަނދު ފަހަރަށް ބޭނުންވާ ހަލް އެންޑް މެޝިނަރީ އިންޝުއަރެންސް އެލައިޑް މެދުވެރިކޮށް ހަދާ ފަރާތްތަކަށް 30 އިންސައްތައިގެ ޑިސްކައުންޓެއް ދޭންޖެހެއެވެ. ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވީ އެލައިޑާއެކު އިންޝުއަރެންސް އެއްބަސްވުމުގައި ސޮއިކުރެއްވީ ދެ ފަހަރެއްގެ މަތިން ބިޑަށް ހުޅުވާލައްވައިގެން އެކަމަށް ހުށައެޅި ހަމައެކަނި ފަރާތަކީ އެލައިޑަށް ވުމުންކަމަށެވެ.

ދިިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވާއިދުގައިވާ ގޮތުން ރާއްޖޭގައި ދުއްވާ ހުރިހާ އޮނޑިދޯނިފަހަރުވެސް މިއަހަރުން ފެށިގެން ހަލް އެންޑް މެޝިނަރީ އިންޝުއަރެންސް ހަދަންޖެހެއެވެ.