ޚަބަރު

ބިދޭސީންގެ ޞިއްޙީ ކަންކަން ސްކްރީން ކުރުން ހަރުދަނާ ކުރަނީ


ރާއްޖޭގައި މަސައްކަތް ކުރަން އަންނަ ބިދޭސީންގެ ޞިއްޙީ ކަންކަން ސްކްރީން ކުރުމުގެ ޕްރޮގްރާމް މިހާރަށްވުރެ ހަރުދަނާ ގޮތަކަށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވަމުން ދާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ. 

ޓީވީއެމްއަށް ދެއްވި ޙާއްސަ އިންޓަވިއުއެއްގައި އިމިގްރޭޝަނުގެ މީޑީއާ އެންޑް އިންފޮމޭޝަން އޮފިސަރ ހަސަން ޚަލީލް ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރަން އަންނަ ބިދޭސީންގެ ފަރާތުން ދިވެހިންނަށް ދިމާވެދާނެ ޞިއްޙީ މައްސަލަތަކަށް ހައްލެއް ހޯއްދެވުމުގެ ގޮތުން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ބިދޭސީއަކު ރާއްޖެއަށް އައުމަށްފަހު އެމީހާގެ ޞިއްޙީ މައްސަލައެއް ހުރިތޯ ސްކްރީން ކުރުމަށް މިހާރު އޮންނަ އުސޫލުގެދަށުން، ސަރުކާރުން ގަބޫލުކުރާ ޞިއްޙީ ޚިދުމަތްދޭ ކޮންމެ ތަނަކުންވެސް ސްކްރީން ކުރެވޭނެކަމަށް ޚަލީލް ވިދާޅުވިއެވެ. 

ޚަލީލް ވިދާޅުވީ ޤަވާޢިދާ ޚިލާފަށް ބިދޭސީން އުޅެން ދިމާވާ ސަބަބުތައް ނައްތާލުމަށާއި، މައިގްރޭޝަން ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުން އަވަށްޓެރި ގައުމުތަކުގެ ކަމާބެހޭ އިދާރާތަކާ ވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ރާއްޖެއާއި ސަރަޙައްދީ އެހެން ޤައުމުތަކާ ދެމެދުގައިވާ މައިގްރޭޝަން ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުން، އަވަށްޓެރި ގައުމު ތަކުގައި ކަނޑައަޅާފައިވާ މައިގްރޭޝަން ނިޒާމުގެ ތެރެއިން ބިދޭސީން ރާއްޖެއަށް ވަޒީފާއަށް އަންނަކަން ކަށަވަރު ކުރުން ހިމެނޭ ކަމަށް ވެސް ޚަލީލް ވިދާޅުވިއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ ބިދޭސީއަކުވެސް, ވޯކްޕާމިޓް ހަދާއިރު ހަތަރު ބައްޔަކަށް ޓެސްޓް ކުރެއެވެ. އެއީ ގައިންގަޔަށް އަރާ ބަލިތައްކަށްކަން އިމިގްރޭޝަނުން ފާހަގަކުރެއްވިއެވެ. 

އޭގެ ތެރޭގައި ހިމެނެނީ އެޗްއައިވީ، ހެޕަޓައިޓިސް ބީ، ވީޑީއާރްއެލް އަދި ޓީބީއެވެ. މީގެތެރެއިން ގިނަ ބަލިތަކަކީ ރާއްޖޭގައި ކޮންޓްރޯލް ކުރެވިފައިވާ ނުވަތަ ވަރަށް މަދު ބަލިތަކެކެވެ. 

ރާއްޖޭގައި މަސައްކަތްކުރަން އަންނަ ބިދޭސީން މިބަލިތަކަށް ޓެސްޓް ހެދުމުގެ މަޤުސަދަކީ ރާއްޖޭގައި ކޮންޓްރޯލް ކުރެވިފައިވާ ބަލިތައް އިތުރުވިޔަ ނުދިނުމާއި، އެމީހުންނަކީ ޞިއްޙީގޮތުން ދުޅަހެޔޮ، މަސައްކަތް ކުރެވޭ ފަދަ ޞިއްޙަތެއްގައިތިބި ބަޔަކުތޯ ކަށަވަރު ކުރުން ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.