ޓުއަރިޒަމް

3 ފެއަރއެއްގައި ބައިވެރިވާ ފަރާތްތަކަށް މަޢުލޫމާތުދީފި


މިމަހުގެތެރޭގައި ޔޫރަޕްގައި ބާއްވާ ފަތުރުވެރިކަމުގެ ތިން ފެއަރއެއްގައި ރާއްޖެއިން ބައިވެރިވާ ފަރާތްތަކާއި އެމްއެމްޕީއާރުސީން ބައްދަލުކުރައްވާ ފެއަރއާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރައްވައިފިއެވެ.

ރާއްޖެއިން ބައިވެރިވާ 3 ފެއަރއަކީ، ސްޕެއިންގެ މެޑްރިޑްގައި މިމަހުގެ 18 އިން 22 އަށް ބާއްވާ "ފިޠޫރު ފެއަރ" އާއި، މިމަހުގެ 21 އިން 29 އަށް ޖަރުމަންވިލާތުގައި ބާއްވާ "ބޫޓު ފެއަރ"ގެ އިތުރުން މިމަހުގެ 26ން 29އަށް ސްވިޓްޒަލޭންޑްގައި ބާއްވާ "ފެސްބޯ ފެއަރ"އެވެ.

ފިޠޫރު ފެއަރގައި އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 19 ކުންފުންޏަކުން ބައިވެރިވާނެއެވެ. އަދި ބޫޓު ފެއަރއާއި ފެސްބޯ ފެއަރ މިއިން ކޮންމެ ފެއަރއެއްގައިވެސް 6 ކުންފުންޏަކުން ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.

އެމްއެމްޕީއާރުސީގެ ޑައިރެކްޓަރ ފާތިމަތު ރާހިލް ވިދާޅުވީ، ފެއަރ ތަކުގައި ބައިވެރިވާ ފަރާތްތަކާއި ބައްދަލުކުރުމުގެ ބޭނުމަކީ އެމީހުންނަށް ފެއަރއާއި ގުޅޭ އިތުރު މަޢުލޫމާތު ދިނުމާއި، އެފަރާތްތަކުން އޮޅުން ފިލުވަން ބޭނުންވާ ކަންތައްތަކުގެ މަޢުލޫމާތުތައް  ޙިއްޞާކުރުން ކަމަށެވެ. މި 3 ފެއަރ އަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މުހިއްމު ދައުރެއް އަދާކުރާނެ ތިން ފެއަރ ކަމަށާއި، އެހެންކަމުން މި ތިން ފެއަރ މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރުވެގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ރާހިލް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ބޭރުގެ ދުނިޔެއަށް އިޝްތިހާރުކޮށް، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރެއްވުމަށް އެމްއެމްޕީއާރުސީން ދުނިޔޭގެ އެކި ހިސާބުތަކުގައި ބާއްވާ ފަތުރުވެރިކަމުގެ ފެއަރތަކުގައި ދަނީ ބައިވެރިވަމުންނެވެ. ރާއްޖެއިން ބޭރުގައި ބާއްވާ ފެއަރތަކުގައި ރާއްޖޭގެ ކުންފުނިތަކުން ބައިވެރިވާ އަދަދުވެސް އަންނަނީ އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންނެވެ.