ސިޔާސީ

ޕީޕީއެމްގެ ޕްރައިމަރީ މިމަހުގެ 27 ގައި!


ލޯކަލް ކައުންސިލް އިންތިޚާބުގެ ޕީޕީއެމްގެ ޕްރައިމަރީ މިމަހުގެ 27 ގައި ބޭއްވެވުމަށް އެޕާޓިން ނިންމަވައިފިއެވެ.

މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ސެކްރެޓަރީޖެނެރަލް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވީ، އެޕާޓީން މިފަހަރުގެ ކައުންސިލް އިންތިޚާބުގައި 64 ދާއިރާއަކުން ޕްރައިމަރީ ބާއްވަވަން ނިންމަވާފައިވާކަމަށެވެ. އަދި 212 ދާއިރާއެއްގައި ޕްރައިމަރީ ނުބާއްވާގޮތަށް ނިންމަވާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވަން ހުށަހަޅާ ބޭފުޅުންގެ ތެރެއިން، ޕްރައިމަރީގައި ވާދަކުރެއްވޭނީ %75 އަށްވުރެ މަތިން މާކުސް ލިބިވަޑައިގަންނަވާ ބޭފުޅުންނަށް އެކަނި ކަމަށްވެސް ޑރ.ޚަލީލް ވަނީ ވިދާޅުވެފައެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމުންވަނީ ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެޕާޓީން ކުރައްވަމުންދާ މަސައްކަތްތަކުގެ ތަފްސީލްވެސް ހާމަކުރައްވާފައެވެ. އެގޮތުން އިންތިޚާބު ކާމިޔާބުކުރެއްވުމަށްޓަކައި އެޕާޓީން މަސައްކަތްކުރައްވަނީ ކޯލިޝަން ޕާޓްނަރުންނާއެކުގައި ކަންވެސް އެޕާޓީން ވަނީ ހާމަކުރައްވާފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވެވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ.