ޚަބަރު

ބޯންމެރޯ ހެދުމުގެ ފުރުޞަތު ދެއްވާފައިވާ ކުދިންގެ ފަރުވާ ފެށިއްޖެ


ޒަކާތު ފަންޑުގެ ހިލޭ އެހީގެ ދަށުން ބޯންމެރޯ ހެދުމުގެ ފުރުޞަތު ދިން 6 ކުދިންނަށް އިންޑިޔާގައި ފަރުވާ ދެއްވަން ފަށްޓައިފިކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސްއިން ވިދާޅުވެއްޖެއެވެ.

މި 6 ކުދިން ބޯންމެރޯ ހެދުމުގެ ފަރުވާ ހޯދަމުންދަނީ އިންޑިޔާގެ ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުގައެވެ. މޯލްޑިވިއަން ބްލަޑް ސަރވިސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއަޓްރިކްސް، ޑރ. އަޙުމަދު ޢުމަރު ވިދާޅުވީ، މިކުދިން ބޯން މެރޯ ހެދުމަށްޓަކައި މިހާރު ކުރަމުންދަނީ ޕްރީ ޓްރާންސްޕްލާންޓު ހެދުމާއި، އެކަމާ ގުޅުހުންހުރި ޓެސްޓު ހެދުމުގެ މަރުޙަލާ ކަމަށެވެ. ބޯންމެރޯ ފަރުވާއަށް މިކުދިން ފުރީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ.

ބޯންމެރޯ ހެދުމަށް ޒަކާތު ފަންޑުން ކޮންމެ ކުއްޖަކަށް 900،000 (ނުވަސަތޭކަހާސް) ރުފިޔާއާއި އެއްމިލިޔަން ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ފައިސާ ހަމަޖައްސަވައިދެއްވާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ޚަރަދާއި 4 މީހެއްގެ ދެކޮޅު ޓިކެޓާއި، އެ އެންމެންގެ 3 މަސްދުވަހުގެ ހުރުމެވެ. އަދި ޓްރާންސް ޕްލާންޓަށްފަހު އިތުރު ފަރުވާ ބޭނުންވާނަމަ، އެޚަރަދުވެސް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ - އެންސްޕާއިން ހަމަޖައްސައިދޭ ގޮތަށް ވަނީ ކަނޑައަޅުއްވާފައެވެ. ސަރުކާރުން 6 ކުއްޖަކަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުޞަތު ދެއްވާ އެކަމުގެ ލިޔުން ޙަވާލުކުރައްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުގައިވަނީ ސަރުކާރުގެ 5 އަހަރުގެ ތެރޭގައި މަދުވެގެން 25 ކުދިންނަށް ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ހަމަޖައްސަވައިދެއްވުމަށެވެ. ނަމަވެސް ފުރަތަމަ 3 އަހަރު ނިމުނުއިރު މިވަނީ މި ވަޢުދު ފުރިހަމަ ކުރެވިފައެވެ. ރާއްޖޭގައި މިހާތަނަށް 57 ކުއްޖަކު ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާފައިވެއެވެ.