ޚަބަރު

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި


މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާ އަންނަ މަހުގެ 6 ވަނަ ދުވަހު ބާއްވަވާގޮތަށް ހަމަޖައްސަވައިފިއެވެ.

މިއަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާ ބާއްވަވާނެ ވަކި ތަނެއް އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކުރައްވާފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ހުޅުވުމަށް ބާއްވަވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާނެއެވެ. 

ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާގޮތުން ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަަމަށް، ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް އެމަނިކުފާނު ރައްޔިތުންގެ މަޖިލީހަށް އިއްވަވަންޖެހިވަޑައިގަންނަވައެވެ. އަދި ރައީސުލްޖުމްހުރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު ރިޔާސީ ބަޔާނަށް ޖަވާބުދެއްވަންވާނެ ކަމަށް މަޖިލީހުގެ ޤަވާއިދުގައިވެއެވެ.

ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާއަކީ ޚާއްޞަ ޖަލްސާއެއްކަމުން، ކޮންމެ އަހަރަކުވެސް މި ޖަލްސާ ބާއްވަމުން އަންނަނީ މަޖިލީހުގެ އެހެނިހެން ޖަލްސާތަކާ ތަފާތުކޮށެވެ. އެގޮތުން މިދިޔަ އަހަރުގެ މަޖިލިސް ހުޅުވުމުގެ ޖަލްސާ ބާއްވަވާފައިވަނީ ދަރުބާރުގޭގައެވެ.

މިހާރު ހިނގަމުން މިދަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހެވެ. ރައްޔިތުންގެ މަޖިލީހުގެ މިދިޔައަހަރުގެ ތިން ދައުރުގައި، ކުރީ އަހަރުތަކުގައި ނުނިމިހުރި ބިލްތަކާއެކު ޖުމްލަ 47 ބިލެއް މަޖިލީހުގެ ތަޅުމަށް ހުށައަޅާ ބަހުސް ކުރައްވާފައިވެއެވެ. އޭގެތެރެއިން 43 ބިލެއްގެ މަސައްކަތް މުޅިން ނިންމަވާފައިވާއިރު، ކޮމިޓީ މަރުޙަލާގައި އަދިވެސް ނުނިމި 4 ބިލެއްގެ މަސައްކަތް އެބައޮތެވެ. މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް 3 ޤަރާރެއް ހުށައަޅުއްވައި އެޤަރާރުތަކާމެދު ވަކިގޮތެއް ނިންމަވާފައިވާއިރު، ސަރުކާރުން ޖުމްލަ 50 މައްސަލައެއް މަޖިލީހަށް ހުށައަޅުއްވާފައިވެއެވެ. އެހުރިހާ މައްސަލައެއް މަޖިލީހުން މިދިޔައަހަރު ނިންމަވާފައިވެއެވެ.