ޚަބަރު

"ދިވެހި ޅެންވެރިކަން އަދުގެ ޒުވާން ޖީލަށް އެނގުން މުހިންމު"


އުފެއްދުންތެރިކަމާއި، އިހްސާސް ޝައުގުވެރިކަމާއި ނަސޭހަތް، މިފަދަ ކޮންމެކަމެއް ފަސޭހައިން އިންސާނުންގެ ހިތަށް ވާސިލްކޮށްދޭ އެންމެބޮޑު އެއް ވަސީލަތަކީ ޅެންވެރިކަމެވެ. ބޮޑެތި ހަނގުރާމަތަކާ، އިޤްތިޞާދީ އުމްރާނީ ބޮޑެތި މަޝްރޫއުތައް ކުރިއަށްގެންދިއުމަށްޓަކައި ޅެންވެރިކަން މުހިއްމު ދައުރެއް އަދާކޮށްފައިވާއިރު، ބައެއް ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތުވެސް ޅެންވެރިކަމާއި ގުޅިފަވެއެވެ. މިއަދަކީ ދިވެހިރާއްޖޭގެ ޅެންވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.

ރާއްޖޭގެ ޅެންވެރިންގެ ދުވަހަކީ ދިވެހިރާއްޖޭގެ ޝާއިރުއްޝަބާބް، އުސްތާޛް އިބްރާހިމް ޝިހާބުގެ ހަނދާނުގައި ފާހަގަކުރާ ދުވަހެކެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ޅެންވެރިންގެ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކޮށްފައިވަނީ 1989 (އޮނަވިހިސަތޭކަ އަށްޑިހަ ނުވައެއް) ވަނަ އަހަރުއެވެ. ދިވެހި ޅެންވެރިކަމަކީ ދުނިޔޭގެ ޅެންވެރިކަމަކާއި ޅެމުގެ ބާވަތްތަކަށް ބަލާއިރު މުއްސަނދި އަދި ތަނަވަސް ޅެންވެރިކަމެއްކަން ފާހަގަކޮށްލެވެއެވެ.

ޅެންވެރިކަމުގެ ތެރޭގައި ހިމެނޭ ވަޒަންބަހުރުވައިގެ ބާވަތްތަކުގެ ތެރޭގައިވެސް ޅެންވެރިކަމުގެ 7 ވަތްތަރެއް ހިމެނެއެވެ. އޭގެ ތެރެއިން އެންމެ ދުވަސްވީ އެއް ބާވަތަކީ، ރައިވަރެވެ. ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ، އާދަކާދައާއި، ބަހުގެ މުއްސަނދިކަން ރައިވަރުން ހާމަވެއެވެ. އަދި މިނޫން ދިވެހި ޅެންވެރިކަމުގެ ބާވަތްތަކުންވެސް ދިވެހިންގެ ތާރީޚާއި މުއްސަނދި އާދަކާދަތައް ހާމަވެއެވެ. އެހެންކަމުން ޅެންވެރިކަން ދިރުވައި އާލާކޮށް އަދުގެ ޒުވާންޖީލަށް އޭގެ މުހިއްމުކަން ވަޒަންކޮށްދޭން ޖެހޭކަން ދިވެހި ބަހުގެ އުސްތާޛުން ވިދާޅުވެއެވެ.

ޅެންވެރިކަމަކީ ހަމައެކަނި އަދަބީ އަސަރުތަކެއް ފެންނަ ބަހާއި ގުޅުންހުރި އެއްޗެއްނޫންކަމާއި އެއީ، ޤައުމުތަކުގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓި ބާރުގަދަ ހަތިޔާރެއްކަމަށް ބަހުގެ އަދީބުން ވިދާޅުވެއެވެ.. ތާރީހީގޮތުން މިކަމުގެ ދަލީލު ދައްކަވަމުން ދިވެހި ބަހުގެ އުސްތާޛް އަބުދުﷲ ސާދިގު ވިދާޅުވީ، އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫއުތަކާއި މުޖުތަމަޢު އިސްލާހްކުރުމުގެ ޢިޖިތިމާއީ ބޮޑެތި ކެމްޕެއިންތައް ކާމިޔާބުކަމާއިއެކީ ޅެންވެރިކަމުގެ ޒަރީއްޔާއިން ދުނިޔޭގައި ކޮށްފައިވާކަމަށެވެ. ރާއްޖޭގައިވެސް މިކަން އޮތީހަމަ މިގޮތަށްކަން އަބުދުﷲ ސާދިޤް ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ދިވެހި ޅެންވެރިކަމަކީ މިފަދަ ވަރުގަދަ އަދި މުއްސަނދި އެއްޗަކަށްވާއިރު، އެއާއިމެދު އިހުމާލުވެ ތިބުމަކީ އަޅުގަނޑުމެން ވިސްނާލަންޖެހޭކަމެކެވެ.