ކުޅިވަރު

ބޮޑެތި ޓީމްތައް ވަރުގަދަ ކުރިޔަސް އީގަލްސް ހާހެއް ނުވޭ!


ކުރިއަށް އޮތް ސީޒަނަށް މަޝްހޫރު ކުޅުންތެރިންނާއިއެކު ބޮޑެތި ކްލަބްތައް ވަރުގަދަކުރިނަމަވެސް އީގަލްސްއިން ހާސްނުވާކަމަށް އެކްލަބުން ބުނެފިއެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް އީގަލްސްގެ ތަމްރީންތައް އިއްޔެ ފަށާފައިވާއިރު މަދު ކުޅުންތެރިންތަކެއް ފިޔަވައި ހުރިހާ ކުޅުންތެރިންވަނީ ޕްރެކްޓިސްގައި ބައިވެރިވެފައެވެ. އާ ސީޒަނަށް އެ ކްލަބާއި ގުޅުނު އަހުމަދު ނާޝިދު (ނާއްޓޭ) ޕްރެކްޓިސްގައި ބައިވެރިވިއެވެ.

ފުރަތަމަ ޕްރެކްޓިސް ފެށުމުގެ ކުރިން ވާހަކަދައްކަމުން އީގަލްސްގެ ކޯޗް އިހްސާން އަބްދުލްޣަނީ (ސާންތީ) ބުނީ މިދިޔަ ސީޒަންގައި ޓީމުން ފެނިގެންދިޔަ 95 އިންސައްތަ ކުޅުންތެރިން މިއަހަރުވެސް ފެންނާނެކަމަށާއި، މިއަހަރުގެ އަމާޒަކީވެސް ޒުވާން ކުޅުންތެރިންގެ ހުނަރު ގަލޮޅު ދަނޑުން ދައްކާލުންކަމަށެވެ. ވާދަވެރި ކްލަބްތަކުން މަޝްހޫރު ކުޅުންތެރިންނާއިއެކު ސްކޮޑްތައް ވަރުގަދަކޮށްފައިވާކަމަށާއި، އީގަލްސްއިން އެކަމާއި ހާސްނުވާކަމަށް އޭނާ ބުންޏެވެ.

ފުރަތަމަ ޑިވިޝަންގެ ތައްޓެއް ފުރަތަމަ ފަހަރަށް މިދިޔަ ސީޒަންގައި ކްލަބަށް ހޯދައިދިން ކޯޗް ބުނީ މޮޅު ބިދޭސީ ކުޅުންތެރިންނާއި މަޝްހޫރު ދިވެހި ކުޅުންތެރިންނާއިއެކު ވަރުގަދަ ޓީމެއް ބިނާކުރިކަމުގައިވިޔަސް ކާމިޔާބީއެއް ނުލިބޭނެކަން މިދިޔަ ދެ ތިން ސީޒަންގައި ސާބިތުވެއްޖެކަމަށާއި، ކާމިޔާބަކީ ކުޅުންތެރިންގެ މަސައްކަތުން ލިބޭ އެއްޗެއްކަމަށެވެ. އަދި އީގަލްސްގެ ޒުވާން ކުޅުންތެރިން ކުރިއަށް އޮތް ސީޒަންގައިވެސް ތަފާތު ދައްކާނެކަމުގެ ޔަގީންކަން އެބައޮތްކަމަށްވެސް އިހުސާން ބުންޏެވެ.

"އެއްވެސް ޓީމެއް އީގަލްސްއިން އަންޑައެސްޓިމޭޓް ނުކުރާނެ، ލީގުގައި ވާދަކުރާ ކޮންމެ ޓީމަކީވެސް ވަރުގަދަ ޓީމެއްކަމަށް އީގަލްސްއިން ދެކެނީ. މާ މޮޅެތި ކުޅުންތެރިން ތިއްބަސް ކާމިޔާބެއް ނުލިބޭނެ، ކާމިޔާބަކީ ހުރިހާ އެންމެން ކުރާ ބުރަ މަސައްކަތުން ލިބޭ އެއްޗެއް، ކުޅުންތެރިންނާއި މެނޭޖްމަންޓާއި އެންމެން ކުރާ މަސައްކަތުން ލިބޭ އެއްޗެއް. އީގަލްސްއަށް ލިބުނު ކާމިޔާބެއް ލިބިފައިވަނީ ބުރަ މަސައްކަތުން" ކްލަބްތައް ވަރުގަދަކުރާ ކުރުމަށް އިޝާރާތްކޮށް ކަންބޮޑުނުވާކަން ސާންތި ހާމަކުރިއެވެ.

އާ ސީޒަނާއި ކުރިމަތިލާއިރު އީގަލްސްއިންވެސް ބިދޭސީ ހަތަރު ކުޅުންތެރިން ފެނިގެންދާނެއެވެ. އޭގެ ތެރެއިން ދެ ކުޅުންތެރިންނަކީ މިދިޔަ ސީޒަންގައިވެސް އެކްލަބުން ފެނިގެންދިޔަ ގޯލްކީޕަރު ސުޖަން ޕެރޭރާ އަދި ޑިފެންޑަރ އެލް ހުސައިނީ މަހުމޫދެވެ.

އީގަލްސްގެ ކޯޗް އިހުސާން ބުނީ މި ދެ ކުޅުންތެރިންގެ އިތުރުން ބިދޭސީ ދެ ކުޅުންތެރިން ގެނައުމަށް އެ ޓީމުން މަސައްކަތްކުރަމުން އަންނަކަމަށާއި، ގެންނަން ނިންމާފައިވަނީ ޑިފެންޑަރަކާއި ފޯވާޑެއްކަމަށެވެ. ސާންތި ބުނީ ބިދޭސީ އިތުރު ޑިފެންޑަރެއް ގެންނަން ނިންމާފައިވަނީ އެހެން ޓީމްތަކުން އެޓޭކްތައް ވަރުގަދަ ކުރަމުންދާތީ އެ ޓީމްގެ ޑިފެންސް ވަރުގަދަކުރަންކަމަށެވެ. މިދިޔަ ސީޒަންގެ މެދުތެރޭގައި އީގަލްސްގެ ޑިފެންސް ލައިން ބެލެހެއްޓި އުއްމީދީ ޑިފެންޑަރު ނޫމާން ހުރީ އަދިވެސް އަނިޔާގައެވެ. އޭނާއަށް މި ސީޒަންގައިވެސް އަދި ކުޅެވޭނެ ދުވަހެއް ނޭނގެއެވެ.

img:http://s2.psmnews.mv/images/660x400/14844183894718.jpg|ކްލަބް އީގަލްސްގެ ތަމްރީންގައި އެޓީމްގެ ކުޅުންތެރިން / ފޮޓޯ : ޕީއެސްއެމް، އަލީ ނަސީރު

އީގަލްސްއަށް ބިދޭސީ ފޯވާޑެއް ނިންމާފައިވަނީ މިދިޔަ ސީޒަންގައި ފޯވާޑް ރިސްތޭ ނައުމޯވް ކުޅުނުތަން ފޫބެއްދުމަށެވެ. ސާންތި ބުނީ ޓީމްގެ އެޓޭކުގައި ހިމެނޭ ހުރިހާ ދިވެހި ކުޅުންތެރިންނަކީ އަވަސް ކުޅުންތެރިންކަމަށާއި، ޓީމުން ހޯދަމުންމިދަނީ ސެންޓަރ ފޯވާޑެއްކަމަށެވެ. އީގަލްސްގެ އެޓޭކްލައިނަށް އިތުރުވީ އަހުމަދު ނާޝިދުގެ އިތުރުން އަނިޔާގައި ހުރި ނޫމާންގެ ކޮއްކޮ ނާއިމްއެވެ. ނާއިމްއަކީ މިނިވަން ޗެމްޕިއަންޝިޕްގައި ކ.ގުރައިދޫ ޓީމުގައި މޮޅަށް ކުޅުނު ކުޅުންތެރިއެކެވެ.

ކޯޗް ސާންތި ބުނީ އަހުމަދު ނާޝިދަކީ އޭނާ އަބަދުވެސް އެންމެ ބޭނުންވާ އެއް ކުޅުންތެރިޔާކަމަށާއި، އީގަލްސްއަށްއަށް ނާޝިދު ގެންނަން މަސައްކަތްކުރާތާ ދެ އަހަރު ވެއްޖެކަމަށެވެ. މިދިޔަ ސީޒަން ނިމުމާއިއެކު މެނޭޖްމަންޓުގައި އެންމެ ފުރަތަމަ ބުނި ކަމަކީ ނާއްޓޭ ގެނައުންކަމަށާއި، ނާޝިދު އެކްލަބާއި ގުޅުމުން ވަރަށް ހިތްހަމަޖެހިއްޖެކަމަށެވެ.

"ނާއްޓޭ ހޯދަން މަސައްކަތްކުރާތާ ދެ އަހަރު ވެއްޖެ، މިދިޔަ ސީޒަންގައި ސެޑިކް ދޫކޮށްލަން ނިންމި ހިސާބުން ނާއްޓޭ ހޯދަން މަސައްކަތް ފަށައިފިން، ވަރަށް ހިތްހަމަޖެހިގެން މިހިރީ ނާއްޓޭ އީގަލްސްއާއި ގުޅުނީމަ، މެނޭޖްމަންޓަށް ޝުކުރުވެސް އަދާކުރަން ނާއްޓޭގެ އެކްލަބަށް ގެނެސްދިނީމަ" ޓްރާންސްފަރއަށް އިޝާރާތްކޮށް ސާންތި ބުންޏެވެ.

2017ގައި އިގަލްސްގެ ޓާގެޓަކީ ކޮބައިތޯ އެހުމުން ސާންތި ބުނީ އަބަދުވެސް ބޭނުންވަނީ ޒުވާން ކުޅުންތެރިންގެ ހުނަރުތައް ދައްކާލަން ފުރުސަތު ހޯދައިދިނުންކަމަށާއި، މިއަހަރުވެސް ތައްޓެއް ހޯދަން މަސައްކަތްކުރާނެކަމަށެވެ. އެއްވެސް ތައްޓެއް ނުލިބި ސީޒަން ނިންމާލަން ޖެހުނަސް މާޔޫސް ނުވާނެކަމަށާއި، ސަބަބަކީ އީގަލްސްގެ މުސްތަގްބަލަށް އިތުބާރު އޮތުންކަމަށް އޭނާ ބުންޏެވެ. އަދި ފުޓްބޯޅައިގެ އައު ޖީލް އޮތީ އީގަލްސްގައިކަމަށާއި، އަގުބޮޑުކޮށް އީގަލްސްއިން ކުޅުންތެރިން ގަންނަން ނުޖެހޭ ދުވަސް މާދުރުގައި ނެތްކަމަށްވެސް އޭނާ ބުންޏެވެ.

މިދިޔަ އަހަރު ކާމިޔާބުކުރި ޕްރެޒިޑެންޓްސް ކަޕްގެ ތައްޓާއިއެކު އީގަލްސްއިން އިތުރު ކާމިޔާބީއަށް އުއްމީދުކުރެއެވެ. ބޮޑެތި ޓީމްތައް ކިތަންމެ ވަރުގަދަ ކުރިޔަސް މާޔޫސްވާންވީ ސަބަބެއްވެސް ނެތެވެ. މިދިޔަ ސީޒަންގައި އެޓީމުން ތަފާތު ދެއްކި ޓީމުގެ 95 އިންސައްތަ ކުޅުންތެރިން އެބަތިއްބެވެ. ކުޅުންތެރިން ދަނޑުމަތީގައި ބުރަ މަސައްކަތްކުރާނެކަމުގެ އިތުބާރު ކޯޗަށް އެބައޮތެވެ. ޒުވާން ކުޅުންތެރިންނާއިއެކު އީގަލްސްއިން މިއަހަރު ހޯދާނީ ކޮން ކާމިޔާބެއްތޯ ބަލާލާން ތިބެމާ ހިނގާށެވެ!