ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިޖްތިމާޢީ ޚިދުމަތް


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްގެ އެހީތެރިކަން އެކިފަހަރު މަތިން އެކި ކަންކަމުގައި ލިބިފައިވާ ފަރާތްތަކާ އެކަމަނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު މުލީއާގޭގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްއަކީ އިޖްތިމާޢީ އެކި ކަންކަމުގައި، ޢާއްމު ރައްޔިތުންނަށް އެހީތެރިވަމުން އަންނަ ބޭކަނބަލެކެވެ. އެކަމަނާ އަންނަނީ ޢުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނާއި ތަފާތު އެކި ބޭނުންތައް ޖެހިފައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާޙިމްގެ އެހީތެރިކަން ލިބޭ މީހުންނާއި އެކަމަނާއާ ދެމެދު އޮންނަނީ ޚާއްސަ ގުޅުމެކެވެ.

img:http://s4.psmnews.mv/images/660x400/14844087301806.jpg|ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އާންމު ބައެއް ފަރާތްތަކާ ބައްދަލުކުރައްވަނީ- ފޮޓޯ: ސޯޝަލް މީޑިއާ

މުލީއާގޭގައި އޮތް މި ބައްދަލުވުމުގައި ރައީސްގެ އަނބިކަނބަލުން އެކަމަނާ އެހީތެރިވެވަޑައިގަންނަވާ ބައެއް މީހުންނާ ވަކިވަކިން ބައްދަލުކުރައްވާފައިވެއެވެ. އެމީހުންނަށް އެއްވެސް ކަމެއް ދަތިވޭތޯ ބައްލަވައި އެކަމަނާވަނީ އެމީހުންގެ ޙާލު އޮޅުންފިލުއްވާފައެވެ. ސިއްޙީގޮތުން އެހީތެރިކަން ބޭނުންވާ ބައެއް މީހުންނާއި ރައީސްގެ އަނބިކަނބަލުން މިއަދު ބައްދަލުކުރެއްވިއިރު، އެންސްޕާއާއި އާސަންދައިގެ އިސްވެރިންވެސް ވަނީ މިއަދު އެމީހުންނާ ބައްދަލުކުރައްވާފައެވެ.

އެކި އެކި ބަލިތަކުގައި ފަރުވާ ހޯދަމުންދާ މީހުންނަށްވެސް ރައީސްގެ އަނބިކަނބަލުން ގެންދަވަނީ އެހީތެރިވެވަޑައިގަންނަވަމުންނެވެ. އެގޮތުން ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ގިނަ އަދަދެއްގެ ކުދިންނަށް މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި އެކަމަނާ ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.