ޚަބަރު

ސްޓެލްކޯ ކަލަންޑަރަށް ކުރެހުން ހަދިޔާކުރުމުން، އަގުވަޒަންކޮށްފި


ސްޓެލްކޯން ތައްޔާރުކުރި އެކުންފުނީގެ މިއަހަރުގެ ކަލަންޑަރަށް ކުރެހުން ހަދިޔާކުރި ނުކުޅެދުންތެރިކަން ހުންނަ ކުދިން ކުރި މަސައްކަތުގެ އަގުވަޒަންކޮށް އެކުދިންނަށް ހަދާނީ ލިޔުން ދީފިއެވެ. އެ ކުދިންނަށް ލިޔުން ދީފައިވަނީ މިކަމަށްޓަކައި އިމާދުއްދީން ސްކޫލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

އިމާދުއްދީން ސްކޫލްގެ ޖުވެލް ސެންޓަރުގައި ތަޢުލީމް ހާޞިލްކުރަމުންދާ 16 ދަރިވަރެއްގެ މަސައްކަތް ސްޓެލްކޯގެ މިއަހަރުގެ ކަލަންޑަރުން ފެނިގެންދެއެވެ. ސްޓެލްކޯއިން ބުނީ މިފަދަ މަސައްކަތެއް ކުރުމުގެ މައިގަނޑު މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ މަސައްކަތްތައް އާންމުންނާއި ހަމަޔަށް ދައްކާލުން ކަމުގައެވެ. މިކުދިން ކުރި މި މަސައްކަތުގެ އަގުވަޒަންކުރުމަށް ބޭއްވި ހަފްލާގައި މިކުދިންނަށް ވަނީ އަގުވަޒަންކޮށް ހަދާނީ ލިޔުމާއި ކަލަންޑަރު ދީފައެވެ. މި ކުދިންނަށް ކަލަންޑަރުތައް ދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަބްދުއްޝަކޫރު ސާލިހް އާއި އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް ވަފާ ވަހީދެވެ. ސްޓެލްކޯގެ 2017 ވަނަ އަހަރުގެ ކަލަންޑަރުގެ 1،500 ކޮޕީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށާއި މާލޭގައި ހުރި އެކި އޮފީސްތަކަށް ބަހާފައިވާ ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ މިކުދިން މުޖުތަމަޢުއަށް ނެރެ މިކުދިންނަކީވެސް ހުނަރުވެރި ބައެއްކަން އާންމުންނަށް އެންގުން. މި ކުދިންގެ މި މަސައްކަތްތަކުގެ ސާބިތުކޮށްދޭ މިއީ ވަރަށް ކްރިއޭޓިވް ކުދިންތަކެއްކަން." ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަބްދުއްޝަކޫރު ސާލިހް ވިދާޅުވިއެވެ. img:http://s3.psmnews.mv/images/660x400/14844876369350.jpg|ސްޓެލްކޯ ކަލަންޑަރަށް ކުރެހުން ހަދިޔާކުރި ކުދިން ކުރި މަސައްކަތުގެ އަގުވަޒަންކޮށް ހަދާނީލިޔުން ދިނުން - ފޮޓޯ: ޕީއެސްއެމް

2017 ވަނަ އަހަރުގެ ސްޓެލްކޯގެ ކަލަންޑަރުގައި ހިމެނޭ 12 ކުރެހުމަށް ބަލާލާއިރު މިކުރެހުންތަކުން ބޮޑަށް ފެނިގެންދަނީ ރާއްޖޭގެ ރީތި މަންޒަރުތަކެވެ. މިކުރެހުންތައް ކުރެހި ބައެއް ކުދިން ބުނީ މިފަދަ ފުރުސަތުތައް ލިބުމުން ވަރަށް އުފާވާކަމުގައެވެ. އިމާދުއްދީން ސްކޫލްގެ ސެން ޓީޗަރު ބުނީ ސްޓެލްކޯގެ މިއަހަރުގެ ކަލަންޑަރުގައި އިމާދުއްދީން ސްކޫލްގެ ޖުވެލް ސެންޓަރުގެ ކުދިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބުމުން އަންގައިދެނީ ސްޓެލްކޯއިން މިފަދަ ކުދިންނާއި އޮންނަ ގާތްކަންކަމުގައެވެ.

"މިފަހަރުގެ ކަލަންޑަރުގައި ހިމެނޭނެ މިދިޔަ އަހަރު މި ސްކޫލު ނިންމި ދަރިވަރެއްގެ ކުރެހުމެއްވެސް. އޭނަ މިހާރު މިދުނިޔެއަކު ނެތް. މިކުރެހުން މިހިމެނީ އޭނާގެ ހަނދާނުގައި" އިމާދުއްދީން ސްކޫލްގެ ސެން ޓީޗަރު ބުންޏެވެ.

އިމާދުއްދީންގެ ޖުވެލް ސެންޓަރުގައި މިހާރު 87 ދަރިވަރަކު ދަނީ ތައުލީމް ހާސިލްކުރަމުންނެވެ.

މިކުންދިންނާއިއެކު މިގޮތަށް ކުޑަވަގުތުކޮޅެއް ހޭދަކޮށްލުމުންވެސް މިކުދިންނަކީ ވަރަށްވެސް ހުނަރުވެރި ކުދިންތަކެއްކަން ފާހަގަކޮށްލެވެއެވެ. އަދި މިކުދިންނަކީވެސް އަޅުގަނޑުމެންނާއިއެކު މި މުޖުތަމައުގައި މަސައްކަތުގެ މާހައުލުގައި މަސައްކަތްކުރުމުގެ ހުނަރު ހުރިކަން މިކުދިން ދަނީ ދައްކުވައިދެމުންނެވެ.