ކުޅިވަރު

މާޒިޔާގެ ރޫމޭނިއާގެ ޑިފެންޑަރ އަންދްރޭ ކޯޑޯސް ޓީމާ ގުޅިއްޖެ


މާޒިޔާގެ ރޫމޭނިއާގެ ޑިފެންޑަރ އަންދްރޭ ކޯޑޯސް ޓީމާ ގުޅިއްޖެއެވެ. ރޫމޭނިއާގެ ފުރަތަމަ ޑިވިޝަންގެ ކްލްބްތަކަށްވެސް މީގެ ކުރިން ކުޅެފައިވާ ކޯޑޯސް މިއަދު މާލެއައިސް ޓީމާ ގުޅިފައިވާއިރު އޭނާވަނީ މީގެ ކުރިން އެޤައުމުގެ 19 އަހަރުން ދަށާއި 21 އަހަރުން ދަށުގެ ޤައުމީ ޓީމަށްވެސް ކުޅެފައެވެ.

 6 ފޫޓު 4 އިންޗީގެ ކޯޑޯސްއަކީ މިސީޒަނަށް މާޒިޔާއާ ގުޅުނު ބިދޭސީ ތިންވަނަ ކުޅުންތެރިޔާއެވެ. މެސެޑޯނިއާގެ މަރްޔަން ސެކްލޯސްކީގެ އިރުޝާދުގެ ދަށުން މާޒިޔާ އައު ސީޒަނަށް ތައްޔާރުވަމުން އަންނައިރު މިހާތަށް އެޓީމާ ގުޅިފައިވާ ބިދޭސީ ކުޅުންތެރިންނަކީ ކުރިންވެސް މާޒިޔާގެ ޖާޒީގައި ފެނުނު ކިރިގިސްތާންގެ ގޯލް ކީޕަރ ޕަވެލް، ސަރބިއާގެ ފޯވާޑެއް ކަމަށްވާ އެލެކްޒެންޑާ ރަކިޗް އަދި މިއަދު ޓީމާ ގުޅުނު ޑިފެންޑަރ ކޯޑޯސްއެވެ. މާޒިޔާއިން ބުނީ ކުރިއަށްއޮތް ހަފްތާގެ ތެރޭގައި އެކްލަބާ ގުޅޭނެ ހަތަރުވަނަ ބިދޭސީ ކުޅުންތެރިޔާވެސް ފައިނަލް ކުރާނެ ކަމަށެވެ. 

އޭއެފްސީކަޕްގައިވެސް ވާދަކުރާ މާޒިޔާ އައު ސީޒަނަށް ތައްޔާރުވަމުން އަންނައިރު އެކްލަބްދޫކޮށް ގޯލްކީޕަރ އިމްރާން އަދި ފޯވާޑް އަޝްފާގުގެ އިތުރުން އަހުމަދު ނާޝިދު (ނައްޓޭ) ވަނީ ގޮސްފައެވެ. 

މާޒިޔާއިން ބުނީ ކްލަބް ދޫކޮށް ދިޔަ ކުޅުންތެރިންގެ ބަދަލުގައި މޮޅު ބިދޭސީ ކުޅުންތެރިންތަކަކާއެކު މިސީޒަނަށް ނިކުންނާނީ ހުރިހާ ތައްޓެއް ކާމިޔާބުކުރަން ކަމަށެވެ.