ޚަބަރު

ރެއިންބޯގެ ފައިސާތައް ފޭރިގަތް މައްސަލާގައި ބަޔަކު ހައްޔަރުކޮށްފި


މިމަހުގެ 2 ވަނަ ދުވަހުގެ ވަގުތެއްގައި ރެއިންބޯ ފިހާރައެއްގެ 200،000 އަށްވުރެ ގިނަ ރުފިޔާ، ރެއިންބޯގެ ހެޑް އޮފީހަށް ގެންދަނިކޮށް އެފައިސާތައް ފޭރިގަތް މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ 4 މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ފިރިހެނަކާއި 17 އަހަރުގެ ފިރިހެން ކުއްޖަކާއި 23 އަހަރުގެ ފިރިހެނެއްގެ އިތުރުން 21 އަހަރުގެ ފިރިހެނެއްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވެއެވެ. މި އެންމެންނަކީވެސް ދިވެހިންކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. ފުލުހުން ވިދާޅުވީ މި އެންމެންވެސް ހައްޔަރުކޮށްފައިވަނީ ވަކިވަކިން ހިންގެވި އޮޕަރޭޝަންތަކެއްގައިކަމަށެވެ. 

ފުލުހުން ވިދާޅުވީ ފޭރުނު ފައިސާތައް ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި މިމައްސަލާގައި ތުހުމަތުކުރެވޭ އިތުރު މީހުން ހޯއްދެވުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާކަމަށް ފުލުހުން ވިދާޅުވެއެވެ. 

މިމައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހުންގެ ބަންދަށް ކޯޓުން މުއްދަތު ދެއްވާފައިވާއިރު މިމައްސަލަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހްޤީޤު ކުރައްވަމުންކަމަށް ފުލުހުން ވިދާޅުވެއެވެ.