ދުނިޔެ

ސޫރިޔާއާ ގުޅޭ މަޝްވަރާތައް މިމަހު 23 ވަނަ ދުވަހު ފަށަނީ


ސޫރިޔާ ސަރުކާރާއި އިދިކޮޅު ޖަމާޢަތްތަކާއި ދެމެދު ބާއްވާ މަތީ ފަންތީގެ މަޝްވަރާ ބައްދަލުވުން މިމަހުގެ 23 ވަނަ ދުވަހު ބާއްވާނެ ކަމަށް ރަޝިއާއިން ބުނެފިއެވެ.

އުޒްބަކިސްތާނުގެ ވެރިރަށް އަސްތާނާގައި ބޭއްވުމަށް ހަމަޖެހިފައިވާ މިބައްދަލުވުމުގައި ސޫރިޔާގެ ދާޚިލީ ހަނގުރާމާގައި ޝާމިލުވާ ފަރާތްތަކުން ބައިވެރިވާން ނިންމާފައިވަނީ ޙަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އެކުލަވާލި އެއްބަސްވުމަށްފަހުއެވެ. މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރަޝިއާއާއި ތުރުކީވިލާތް މެދުވެރިއެއްގެ ދައުރު އަދާކޮށްގެނެވެ. ނަމަވެސް ޙަމަލާ ބަދަލު ކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގައި ޙައްދުފަހަނައަޅާފައިވާ އައި.އެސް. ޖަމާޢަތާ، އަލް-ޤައިދާއާ ގުޅުން އޮންނަ ހަނގުރާމަވެރި ޖަމާޢަތްތަކެއް ނުހިމެނެއެވެ. 

ޙަމަލާ ބަދަލު ކުރުން ހުއްޓާލުމަށް އެއްބަސްވި ނަމަވެސް ސޫރިޔާގެ ވެރިރަށް ދިމިޝްޤުގެ ބައެއް ސަރަޙައްދުތަކުގައި އިދިކޮޅު ހަނގުރާމަވެރިންނާ ދެކޮޅަށް ސޫރިޔާގެ އަސްކަރިއްޔާއިން ދަނީ ޙަމަލާ ދެމުންނެވެ. މިމަހުގެ 23 ވަނަ ދުވަހު އަސްތާނާގައި ބާއްވާ ބައްދަލުވުމުގައި ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ބައިވެރިވަޑައިގަންނަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މިބައްދަލުވުމުގައި ތުރުކީވިލާތާއި އިރާނާއި ރަޝިއާއިން ބައިވެރިވާއިރު، އިދިކޮޅު ހަނގުރާމަވެރިންނަށް ވެސް ވަނީ ދަޢުވަތު ދީފައެވެ. ނަމަވެސް މިބައްދަލުވުމުގައި އިދިކޮޅު ހަނގުރާމަވެރިންގެ ތެރެއިން ބައިވެރިވާނީ ކޮން ޖަމާޢަތްތަކަކުން ކަމެއް އަދި އެޖަމާޢަތްތައް ތަމްޞީލް ކުރާނީ ކޮން ބައެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

މިހާތަނަށް ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ތަމްސީލު ކުރަމުން އައީ ތުރުކީވިލާތުންނެވެ. ސޫރިޔާގެ 6 އަހަރު ވެފައިވާ ދާޚިލީ ހަނގުރާމާގައި ޢާންމުންގެ ހަތަރު ސަތޭކަ ފަންސާސް ހާސް މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ފަންސާސް ހާސް ކުޑަކުދިން ހިމެނެއެވެ. 2016 ވަނަ އަހަރު އެކަނިވެސް ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ސޯޅަހާސް ނުވަސަތޭކަ ތޭރަ މީހުން ވަނީ މަރުވެފައެވެ.