ޓުއަރިޒަމް

އެންމެ ޑިމާންޑް ބޮޑުވާނެ މަންޒިލްތަކުގެ ލިސްޓުގައި ރާއްޖެ


އިނގިރޭސިވިލާތުގެ މަޝްހޫރު ޓުއަރ އޮޕަރޭޓަރެއް ކަމަށްވާ ހެއިސް އެންޑް ޖާވިސުން އެކުލަވާލި މިއަހަރު އެންމެ ޑިމާންޑު ބޮޑުވާނެ 5 މަންޒިލްގެ ލިސްޓުގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ.

މިލިސްޓުން ރާއްޖެއަށް 3 ވަނަ ލިބިފައިވާއިރު، މި ލިސްޓުގެ 1 ވަނާގައި އޮތީ އެމެރިކާގެ ނިއުޔޯކްއެވެ. ދެވަނައަށް ތައިލޭންޑް ހޮވިފައިވާއިރު، މިލިސްޓުގައި ދެން ހިމެނެނީ މޮރިޝަސްއާއި އެމެރިކާގެ ލާސްވޭގަސްއެވެ.  

ރާއްޖެއަކީ ހަނީމޫނަށް ދިޔުމަށް ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލު މަންޒިލްކަމަށް ހެއިސް އެންޑް ޖާވިސުން ވަނީ ބުނެފައެވެ. އަދި ރާއްޖޭގައި ގިނަ އަދަދަކަށް އައު ރިސޯޓުތައް ހުޅުވަމުންދާ ކަމަށާއި އެހެންކަމުން ތަފާތު ތަޖުރިބާއެއް ކޮށްލުމަށް ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން މިއަހަރުގެ ތެރޭގައި ދާނެކަމަށް ހެއިސް އެންޑް ޖާވިސުން ލަފާކުރެއެވެ.

އިނގިރޭސިވިލާތަކީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެކެވެ. ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ނޮވެމްބަރުމަހުގެ ނިޔަލަށް އިނގިރޭސިވިލާތުން ރާއްޖެއަށް ނުވަދިހަ ތިންހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ ދެހާސް ފަނަރަވަނަ އަހަރާއި އަޅާ ބަލާއިރު، ބާރަ އިންސައްތަ އިތުރު އަދަދެކެވެ.