ސިއްހަތު

ޑައިގްނޯސްޓިކް ސެންޓަރުގެ ފުރަތަމަ 4 ފްލޯގެ މަސައްކަތް ނިމެނީ


ޞިއްޙީ ޚިދުމަތް ފުޅާކުރެއްވުމަށް ސަރުކާރުން ހިންގަވާ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ، މާލޭގައި "ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރެއް" ޤާއިމްކުރެއްވުމަށް ހިންގަވާ ބިޔަ މަޝްރޫޢެވެ.

25 ބުރިއަށް އިމާރާތް ކުރައްވާ، މި ސެންޓަރުން، ސަރުކާރުގެ މައި ހޮސްޕިޓަލްގައި މިހާރު ދެއްވަމުން ގެންދަވާ ހުރިހާ އައުޓްޕޭޝަންޓް ޚިދުމަތާއި، ރާއްޖޭގައި ފަރުވާދިނުމަށް ބޭނުންވާ ބަލިތަކުގެ މުހިންމު ހުރިހާ ތަޙްލީލްތަކެއް ހެދޭނޭ އިންތިޒާމް ޤާއިމްކުރެވިގެންދާނެއެވެ. ހަމައެއާކު، ޕްރިމިއަމް ހެލްތު ސަރވިސްގެ ޚިދްމަތް ތަޢާރަފްކުރައްވައި، ޤައުމީ އަދި ޞިއްޙީ ދާއިރާއާ ގުޅުންހުރި މުހިންމު، ކޮންފަރެންސްތައް ބޭއްވޭނޭ އިންތިޒާމް އެސެންޓަރުގައި ހަމަޖެހިގެންދާނެކަމަށް އައި.ޖީ.އެމްއެޗުން ވިދާޅުވެއެވެ.

img:http://s4.psmnews.mv/images/660x400/14651966582715.jpg|ނެޝަނަލް ޑައިގްނޯސްޓިކް ސެންޓަރ ހުންނާނެގޮތުގެ މޮޑެލްއެއް-

ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރުގެ ޢިމާރާތަކީ، ރާއްޖޭގައި މިހާތަނަށް ބިނާކުރައްވާ އެންމެ ތަފާތު އަދި އަގުބޮޑު އެއް ޢިމާރާތެވެ. 140 މިލިއަން ޑޮލަރު ޚަރަދުކުރައްވައިގެން ހިންގަވާ މިމަޝްރޫޢު ސަރުކާރުން ޙަވާލުކުރައްވާފައިވަނީ، ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޝެންހުއާ ކޮންސްޓްރަކްޝަނާއެވެ.

މިޢިމާރާތުގެ ފުރަތަމަ ސްޓޭޖުގެ ޕައިލިންގ ކުރުމުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައެވެ. އަދި ފުރަތަމަ 4 ބުރީގެ ޝީޓް އެޅުމުގެ މަސައްކަތްވެސް މިހާރުވަނީ އެއްކޮށް ނިމިފައެވެ.

ޕީ.އެސް.އެމްއަށް މަޢުލޫމާތު ދެއްވަމުން، އައި.ޖީ.އެމް.އެޗްގެ ޑިރެކްޓަރ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ، އަޙްމަދު މަޢުސޫމް ވިދާޅުވީ، 25 ބުރީގެ މި ޢިމާރާތުގެ ފުރަތަމަ 4 ބުރީގެ ކޮންކްރީޓް މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުންދަނީ ގްރައުންޑް ފްލޯރގެ އިންޓީރިއަރ ޑިޒައިނިންގއާއި، ފިނިޝިންގެ މަސައްކަތްތައް ފެށުމަށްކަމަށާއި، އެމަސައްކަތަށް ބޭނުންވާ ސާމާނު މިހާރު ރާއްޖެ ގެނެސްފައިވާކަމަށެވެ.

img:http://s3.psmnews.mv/images/660x400/14818994443660.jpg|ނެޝަނަލް ޑައިގްނޯސްޓިކް ސެންޓަރުގެ މަސައްކަތް ކުރިއަށްދަނީ / ފޮޓޯ: ޕީއެސްއެމް

މި ޢިމާރާތް ނިމުމުން ރާއްޖޭގެ ޞިއްޙީ ދާއިރާއަށް މިހާރު ކުރިމަތިވެފައިވާ ދަތިތައް ޙައްލުވެ، އެދާއިރާއަށް ބޮޑު އިންޤިލާބެއް ގެނުވާނެކަމަށް ސަރުކާރުން ޤަބޫލްކުރައްވައެވެ. މި ސެންޓަރާއެކު، ސަރުކާރުން ވެރިރަށް މާލޭގައި ދެއްވާ ޞިއްޙީ ޚިދުމަތްތަކަށްވެސް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެއެވެ. އެގޮތުން އެ ހޮސްޕިޓަލުން ދެމުން އަންނަ ފިޒިއޮތެރަޕީގެ ޚިދުމަތް އިތުރަށް ތަރައްޤީވެގެންދާނެއެވެ. ހަމައެހެންމެ ސްޕޯޓްސް މެޑިސިންގެ ޚިދުމަތާއި، ރޭޑިއޮލޮޖީގެ ޚިދުމަތްވެސް އިތުރަށް ތަރައްޤީވެގެންދާނެކަމަށް އައި.ޖީ.އެމް.އެޗުން މަޢުލޫމާތުދެއްވައެވެ. މި ޢިމާރާތާއެކު އައި.ޖީ.އެމް.އެޗްގެ ބެޑް ކެޕޭސިޓީ 500 އަށް އިތުރުވެގެންދާނެއެވެ.

ނޭޝަނަލް ޑައިގްނޯސްޓިކް ޢިމާރާތުގައި ޗައިލްޑް ކެއަރ ސެންޓަރަކާއި، ޖިމެއްގެ އިތުރުން ރިހެބިލިޓޭޝަން ސެންޓަރެއް ހުންނާނެއެވެ. އަދި ހައިޑްރޯތެރަޕީގެ ޚިދުމަތް ދިނުމަށް ބޭނުންކުރާނެ ޚާއްޞަ ސްވިމިންގޕޫލްވެސް ޤާއިމްކުރެވިފައި ހުންނާނެއެވެ.

އައިޖީއެމްއެޗްގެ ގޯތިތެރޭގައި އިމާރާތްކުރާ މި ސެންޓަރުގެ މަސައްކަތް ނިމޭއިރު، މި ސެންޓަރާއި އައިޖީއެމްއެޗްގެ މައި އިމާރާތާއި ގުޅުވައިދޭ ވޯކްވޭއެއްވެސް ހެދުމަށް ހަމަޖެހިފައިވެއެވެ.

ސަރުކާރުގެ އަމާޒަކީ 25 ބުރީގެ މި ޢިމާރާތުގެ މަސައްކަތް 2018 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް ނިންމަވައި، އެތަނުގެ ޚިދުމަތް ޢާއްމުންނަށް ދެއްވަން ފެއްޓެވުމެވެ.