ޚަބަރު

މި ޒަޢާމަތުގައި ދިވެހި އަސްކަރިއްޔާއަށް ބޮޑެތި ކުރިއެރުންތަކެއް


ދިވެހި އަސްކަރިއްޔާގެ ދިގު ތާރީޚުގައި ދިވެހި ސިފައިންނަށް އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައިކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ކޯސްޓްގާޑްގެ ފްލީޓައް އިތުރުކުރެއްވި 5 އުޅަނދު ސިފައިންގެ ޚިދުމަތަށް ނެރެދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ސިފައިންގެ ޚިދުމަތަށް 125 އަހަރު ގުނަމުންދާއިރު، ދިވެހި އަސްކަރިއްޔާއާއި ދިވެހި ސިފައިންގެ ކުރިއެރުމަށް ސަރުކާރުން މުހިއްމު މަޝްރޫއުތަކެއް ހިންގަވަމުންގެންދަވާކަމަށެވެ.

ސިފައިންގެ ވެލްފެއާގެ ދަށުން ކުރިއަށްގެންދަވާ މަޝްރޫޢުތަކުގެ ތެރެއިން، ސިފްކޯ ފްލެޓްތަކުގެ މަސައްކަތް 2018 ވަނަ އަހަރު ނިމި ހުޅުވޭނެކަމަށާއި، ބަންޑާރަކޮށީގައި އަޅުއްވާ 9 ބުރީގެ އިމާރާތުގެ މަސައްކަތްވެސް ނިމެމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މާފިލާފުށީގައި އިންޑިއާ ސަރުކާރުގެ އެހީގައި ޔުނިވަރސިޓީއެއްފަދަ ޓްރެއިނިންގ އިންސްޓްޓިއުޓެއް ޤާއިމް ކުރައްވާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރ ވިދާޅުވީ ސިފައިންގެ ކޯސްޓްގާޑްގެ ފްލީޓަށް އަލަށް އިތުރުކުރި އުޅަނދުތަކަކީވެސް ދިވެހި ރައްޔިތުންނަށް ސިފައިން ދެއްވާ ޙިދުމަތްތަކަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަމަށެވެ. އަދި މި އުޅަނދުތަކަކީ ސިފައިންގެ ތާރީޚުގައިވެސް މިހާތަނަށް ޚިދުމަތަށް ނެރޭ އެންމެ ބާރަށް ދުވާ ވަރުގަދަ އުޅަނދުތަކެއްކަން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު ފާހަގަކުރެއްވިއެވެ.

"ސިފައިންގެ ޤާނޫނީ ވާޖިބާއި، މަސްޢޫލިއްޔަތު އަދާކުރުމަށްޓަކައި، އަދި ސިފައިންގެ މުޅި ތާރީޚުގައިވެސް، ފާހަގަކޮށްލެވޭފަދަ ވަރުގަދަ، ބާރަށްދުވާ ސިފައިންގެ އަރުމާޒެއް ޚިދުމަތަށް ނެރެވޭކަމީ ޝައްކެތް ނެތް ގޮތުގައި ހުރިހާ ސިފައިން ވަރަށް ފަޚުރުވެރިވާނެ ކަމެއް." މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ ކޯސްޓްގާޑަށް އަލަށް އިތުރުކުރެއްވި އުޅަނދުތަކާއެކު ރާއްޖޭގެ މަސްކަނޑުތަކާއި އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމާއި، އެކި ޙާދިސާތަކުގައި ޙާލުގައި ޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ވަރަށްބޮޑު ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

img:http://s4.psmnews.mv/images/660x400/14842425295040.jpg|ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އަޙްމަދު ޝިޔާމް- ފޮޓޯ: ޕީއެސްއެމް

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އަޙްމަދު ޝިޔާމް ވިދާޅުވީ، ކޯސްޓްގާޑްގެ ފްލީޓަށް އިތުރު ކުރެއްވި 5 އުޅަނދާއެކު ރާއްޖޭގެ 4 ސަރަހައްދެއްގައި ޤާއިމްކުރައްވާފައިވާ ސިފައިންގެ މަރުކަޒުތަކުން ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް އެއްފެންވަރެއްގައި ކަނޑުމަތީގެ ޚިދުމަތް ދިނުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށެވެ. އަދި އެއުޅަނދުތަކަކީ، ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތް ވެވޭނެ ފަދަގޮތަކަށް ވަރަށް މުހިއްމު ބައިތަކަކާއެކު ބަނދެފައިވާ އުޅަނދުތަކެއްކަމަށެވެ.

އަލަށް ޚިދުމަތަށް ނެރުއްވި އުޅަނދުތަކުގެ ތެރެއިން 2 އުޅަނދެއް ސިފައިން ހިންގަވާ މުހިއްމު އޮޕަރޭޝަންތަކެއްގައި މިހާރުވެސް ބޭނުންކުރައްވަމުންގެންދަވާކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.