ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ ސްރީލަންކާގެ މަސްބޯޓު ފެނިއްޖެ


ހަތަރު މީހުންނާއެކު ގެއްލިގެން ހޯދަމުންދިޔަ ސްރީލަންކާގެ މަސްބޯޓު ފެނިއްޖެއެވެ.

މި ބޯޓު ފެނުނުއިރު އެއިން ދަތުރުކުރި ހަތަރު މީހުންވެސް ބޯޓުގައި ތިބި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި މި ބޯޓުން ފެނުނު މީހުންގެ ތެރެއިން އެކަކުގެ ހާލު ދެރަ ނަމަވެސް، ދެން ތިބި 3 މީހުންގެ ޙާލު ރަނގަޅު ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މިބޯޓު ފެނުނީ އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީއަށެވެ. ސްރީލަންކާގެ މި މަސްބޯޓުގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމަށް ސްރީލަންކާއިން އެދުމާ ގުޅިގެން މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން އެ މަސްބޯޓު ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ދިޔައީ ކުރަމުންނެވެ. މި މަސައްކަތް ކުރަމުން ދަނިކޮށް ކޯސްޓްގާޑު ޝިޕް ހުރަވީއަށް މި މަސްބޯޓު ފެނިފައިވަނީ ރޭ މެންދަމުންއަލިވެ 3 ޖަހާކަންހާއިރު ހދ.މަކުނުދޫގެ ހުޅަނގުން 153 ނޯޓިކަލް މޭލު ބޭރުުން އޮޔާދަނިކޮށެވެ.

އެ މަސްބޯޓު ހދ. ކުޅުދުއްފުއްޓަށް ގެންދިއުމުގެ މަސައްކަތް އެމްއެންޑީއެފްގެ ކޯސްޓްގާޑު ޝިޕް ހުރަވީއިން ދަނީ ކުރަމުންނެވެ. ކޯސްޓްގާޑު ޝިޕް ހުރަވީއަށް ކުޅުދުއްފުށީ ބަނދަރަށް ވަދެވޭވަރު ވާނެކަމަށް ލަފާކުރެވެނީ މިރޭ 11 ޖަހާކަންހާއިރު ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.