ޚަބަރު

އިންޓަނެޓް ކެނޑެނީ ޑީޑޮސް އެޓޭކްތަކެއްގެ ސަބަބުން - ދިރާގު


އިންޓަނެޓް މެދުވެރިކޮށްދޭ ޚިދުމަތް ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ދެމުންދާ ޑީޑޮސް އެޓޭކްތަކުގެ ސަބަބުން އިންޓަނެޓް އަދި މޯބައިލް ޑޭޓާ ޚިދުމަތް ލިބުމުގައި ކަސްޓަމަރުންނަށް ދަތިތަކާއި ކުރިމަތިވަމުންދާ ކަމަށް ދިރާގުން ހާމަކޮށްފިއެވެ. 

ޑީޑޮސް އެޓޭކްތަކަކީ އިންޓަނެޓް މެދުވެރިކޮށް ދޭ ޚިދުމަތްތަކަށް އަމާޒުކޮށް، ޑޭޓާ ޓްރެފިކް އޯވަރލޯޑް ކޮށްގެން، ހިދުމަތް ބޭނުން ނުކުރެވޭނެގޮތް ހެދުމަށް ދެވޭ ހަމަލާތަކެއް ކަމަށް ދިރާގުން ހާމަކުރެއެވެ. މިކަމުގެ ސަބަބުން އިންޓަނެޓްގެ ޚިދުމަތް ހޯދުމުގައި ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން ދިރާގުން މަޢާފަށް އެދޭކަމަށާއި، ވީހާވެސް އަވަހަކަށް މިކަން ހައްލު ކުރުމަށް މިހާރު މަސައްކަތްކުރަމުން އަންނަކަމަށް ދިރާގުން ފާހަގަކުރެއެވެ. 

ދިރާގުގެ އިންޓަނެޓް ޚިދުމަތަށް ޑީޑޯސް އެޓޭކް ދޭތެރެ ދޭތެރެއިން ދޭކަމަށާއި، މިދިޔަ ދެ ދުވަހު އެހަމަލާތައް އިންތިހާއަށް އިތުރުވެ އިންޓަނެޓްގެ ޚިދުމަތަށް އެކަމުގެ ސަބަބުން ވަރަށް ބޮޑަށް ބުރޫއަރަމުން އަންނަ ކަމަށް ދިރާގުން ބުނެއެވެ. ރާއްޖޭގައި އިންޓަރނެޓްގެ ޚިދުމަތް ދިނުމަށް ދެލައްކަ ފަންސާސް އެއްހާހަށްވުރެ ގިނަ ކަނެކްޝަން ގުޅާފައިވާ ކަމަށާއި އަދި މޮބައިލްގެ ޚިދުމަތަށް ބަލާއިރު ހަތް ލައްކައަށްވުރެ ގިނަ ސިމް ބޭނުންކުރަމުންދާ ކަމަށް ޤައުމީ ތަފާސް ހިސާބުތަކުން ދައްކައެވެ.