މުނިފޫހިފިލުވުން

ހުޅުމާލޭގައި ފުރަތަމަ ފަހަރަށް ސިނަމާއެއް ހުޅުވަނީ


ހުޅުމާލޭގައި ހުޅުވާ ފުރަތަމަ ސިނަމާގެ ގޮތުގައި "ޝުވެކް"ގެ ސިނަމާއެއް އަންނަ އޭޕްރީލްމަހުގެ ތެރޭގައި ހުޅުވާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީއިން ބުނެފިއެވެ.

މި ސިނަމާ ހެދުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި ތަރައްޤީކުރަމުން އަންނަ ކޮމިއުނިޓީ ސެންޓަރުގައި ކަމަށް އެޗް.ޑީ.ސީއިން ބުނެއެވެ. މި ސިނަމާ ވެގެންދާނީ ޝުވެކުން މިހާރު މާލޭގައި ހިންގަމުންދާ ސިނަމާއަށްވުރެ ފެންވަރުގެ ގޮތުން ފުރިހަމަ ސިނަމާއަކަށްކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން މާލޭގައި ހުންނަ ޝުވެކް ސިނަމާގައި މިހާރު ބޭނުންކުރާ ސިލްވަރ ސްކްރީންގެ ދެގުނަ ބޮޑު ސްކްރީނެއް ހުންނާނެކަމަށާއި، މިތަން ފަރުމާކުރާނީ އެންމެފަހުގެ ޒަމާނީ ވަޞީލަތްތަކާއެކު ކަމަށްވެސް އެޗް.ޑީ.ސީން މަޢުލޫމާތުދެއެވެ.

އެޗްޑީސީން ވަނީ ހުޅުމާލޭގައި އަލަށް ހަދާ ސިނަމާ ހެދުމުގެ އެއްބަސްވުމުގައި ޝްވެކާއެކު ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަންއެވެ. އަދި ޝުވެކްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަފްރާޝީމްއެވެ.  

އަންނަ އޭޕްރީލްމަހު ހުޅުމާލޭގައި ހުޅުވުމަށް ހަމަޖެހިފައިވާ މި ސިނަމާއަކީ 180 މީހުންގެ ޖާގައިގެ ސިނަމާއެކެވެ.