ދުނިޔެ

އީރާނުގެ ކުރީގެ ރައީސް ރަފްސަންޖާނީ ފަސްދާނުލައިފި


މިދިޔަ އާދިއްތަ ދުވަހު ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަނިކޮށް އަވަހާރަވި އީރާނުގެ ކުރީގެ ރައީސް އަކްބަރު ހާޝިމީ ރަފްސަންޖާނީ ފަސްދާނުލައިފިއެވެ.

އީރާނުގެ ވެރިރަށް ތެހްރާނުގައި ބޭއްވި ރަފްސަންޖާނީގެ ޖަނާޒާގައި އެތައްހާސް ބަޔަކު ބައިވެރިވިއެވެ. ރަފްސަންޖާނީގެ މައްޗަށް ކަށުނަމާދު ކޮށްފައިވަނީ އޭނާ ޢާންމު ގޮތެއްގައި ހުކުރު ޚުތުބާ ދެއްވާ ޔުނިވަރސިޓީ އޮފް ތެހްރާނުގެ ގޯތިތެރޭގައެވެ. ރަފްސަންޖާނީ ފަސްދާނުލާފައިވަނީ، ނަވާރަސަތޭކަ ހަތްދިހަ ނުވަވަނަ އަހަރު އީރާނަށް ގެނައި އިސްލާމީ އިންޤިލާބުގެ އެއް މޭސްތިރި ކަމަށްވާ އާޔަތުﷲ ރޫޙުﷲ ޚުމައިނީގެ މަޤްބަރާގެ ކައިރީގައެވެ.

ރަފްސަންޖާނީ ގެންގުޅުއްވި މެދުމިނުގެ ސިޔާސަތާ، އީރާނުގެ މުއައްސަސާތައް ހަރުދަނާ ކުރެއްވުމަށް ބާރު އެޅުއްވުމާ، ހުޅަނގުގެ ޤައުމުތަކާ އޮންނަ ގުޅުން ބަދަހި ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުން، ވަރަށް ގިނަ ބަޔަކުވަނީ އޭނާއާއި ޚިޔާލު ތަފާތުވެފައެވެ.

ނަމަވެސް ރަފްސަންޖާނީގެ ޖަނާޒާގައި ފެނިގެން ދިޔައީ އީރާނުގެ ރައްޔިތުން އެންމެފަހު ފަހަރަށް އޭނާގެ ފަހަތްޕުޅުގައި އެއްބައިވަންތަކަމާއެކު، އޭނާގެ ހަނދާންތައް އާކުރި ތަނެވެ. އެގޮތުން، ޖަނާޒާގައި ބައިވެރި ގިނަ މީހުން ތިބީ ރަފްސަންޖާނީއަށް ތާޢީދުކޮށް ލިޔެފައިވާ ލިޔުންތައް ހިފައިގެނެވެ.

img:http://s4.psmnews.mv/images/660x400/14841198473625.jpg|އަވަހާރަވި އީރާނުގެ ކުރީގެ ރައީސް އަކްބަރު ހާޝިމީ ރަފްސަންޖާނީ / ފައިލް ފޮޓޯ: ޒިންހުއާ

ޢާންމުންގެ މެދުގައި ރަފްސަންޖާނީ މަޝްހޫރުވެފައިވަނީ، އީރާނަށް ގެނައި އިސްލާމީ އިންޤިލާބުގައި އޭނާ އަދާކުރެއްވި ދައުރުންނެވެ. އަދި ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި އޭނާއަކީ އެއިންޤިލާބުގެ އެންމެ އިސްއެއް މޭސްތިރިއެވެ.

ނަވާރަސަތޭކަ އަށްޑިހަ ނުވަވަނަ އަހަރުން ނަވާރަސަތޭކަ ނުވަދިހަ ހަތްވަނަ އަހަރާ ހަމައަށް އީރާނުގެ ރައީސްކަން ކުރެއްވި ރަފްސަންޖާނީ އަވަހާރަވިއިރު، އޭނާ ގެންދެވީ އީރާނުގެ މުޙިއްމު މަޤާމުތަކެއް ފުރުއްވަމުންނެވެ. އެގޮތުން، އީރާނުގެ މުޙިއްމު ނިންމުންތައް ނިންމާ މަޖިލިސްތަކުގައި ރަފްސަންޖާނީ ވަނީ މުޙިއްމު ދައުރެއް އަދާކުރައްވާފައެވެ.

މީގެއިތުރުން، އީރާނުގެ ރޫހާނީ ލީޑަރު ހޮވުމަށް އެކުލަވާލާފައިވާ މަޖިލީހުގައިވެސް ރަފްސަންޖާނީ ހިމެނިވަޑައިގަންނަވައެވެ. އަދި އީރާނުގެ މިހާރުގެ ރޫހީ ލީޑަރު ޢަލީ ޚާމަނާއީ އެމަޤާމަށް ގެނައުމުގައިވެސް ރަފްސަންޖާނީ ވަނީ މުޙިއްމު ދައުރެއް އަދާކުރައްވާފައެވެ.

ރަފްސަންޖާނީ އަވަހާރަވެފައިވަނީ، އީރާނުގެ ރިޔާސީ އިންތިޚާބު ވަރަށް ކައިރިވެފައިވަނިކޮށެވެ.

އޭނާ އަވަހާރަވުން ވެފައިވަނީ، މެދުމިނުގެ ސިޔާސަތުތަކަށް ތާޢީދުކުރާ ފަރާތްތަކަށް ލިބިގެން ދިޔަ ބޮޑު ގެއްލުމަކަށެވެ. މެދުމިނުގެ ސިޔާސަތުތައް ގެންގުޅުއްވާ މިހާރުގެ ރައީސް ޙަސަން ރޫޙާނީ ވެރިކަމަށް ވަޑައިގެންފައިވަނީވެސް ރަފްސަންޖާނީގެ ތާޢީދާއެކުއެވެ.